އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   2 ޖެނުއަރީ 2024 - 22:49
ދިވެހި ރެޑް ކްރެސެންޓުން މިދިޔަ އަހަރު އޮކްޓޯބަރު 14 ވަނަ ދުވަހު ހުޅުވި ފަލަސްތީން އެމާޖެންސީ ފަންޑަށް ލިބުނު ފައިސާގެ ތެރެއިން 7،396،662.60 ރުފިޔާ ފަލަސްތީނު ރެޑް ކްރެސެންޓާ ހަވާލުކޮށްފި އެވެ.

ދިވެހި ރެޑް ކްރެސެންޓުން ފަލަސްތީނު ރިލީފް ފަންޑް ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު 14އިން ފެށިގެން އެ އަމަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ނުހުއްޓި އެ ސަރަހައްދުގެ ހާލު ގޯސްވަމުން ދިއުމާގުޅިގެން ރިލީފް ފަންޑުގެ މުއްދަތުވަނީ ނޮވެމްބަރު 12 ވަނަ ދުވަހާ ހަމައަށް އިތުރުކޮއްފަ އެވެ.

އެގޮތުން ރެޑް ކްރެސެންޓުން ފުރަތަމަ ކަނޑައެޅި މުއްދަތުގެ ތެރޭގައި ފަލަސްތީނު ރިލީފް ފަންޑަށް 2،105،227.14 ރުފިޔާ ލިބިފައިވާކަމަށް އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި އިތުރުކުރި މުއްދަތުގެ ތެރޭގައި އިތުރު 5،257،815.68 ރުފިޔާ ފަންޑަށް ލިބިފައިވާކަމަށްވެސް އެބަޔާނުގައި ވެއެވެ.

ދިވެހި ރެޑް ކްރެސެންޓުން އެއްކުރި 7،396،662.60 ރުފިޔާ ފަލަސްތީނު ރެޑް ކްރެސެންޓަށް ފޮނުވުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ. އަދި އެ އަހަރުގެ ޑިސެމްބަރު ހަވަނަ ދުވަހު ފަލަސްތީނު ރެޑްކްރެސެންޓް ބޭންކް އެކައުންޓަށް ފައިސާ ޖަމާވެފައިވާނެ ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން ރިލީފް ފަންޑަށް ލިބުނު ފައިސާގެ ތެރެއިން 34،074.16 ރުފިޔާ ބޭންކް ޗާޖެޒް ގޮތުގައި ހަރަދު ވެފައި އެވެ.

ޣައްޒާއަށް ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮއްދެމުންދާ އިންސާނީ އެހީތެރިކަމުގައި އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުންނާއި، އަމިއްލަ ވިޔަފާރީތަކުގެ އިތުރުން، ސްކޫލްތަކާއި، ކައުންސިލް އިދާރާތަކުން އަދި އެހެނިހެން ފަރާތްތަކުގެ ބައިވެރިވުމާއި އެހީތެރިކަން ނޫސް ބަޔާނުގައި ފާހަގަ ކޮފައި ވެއެވެ. އަދި އެފަރާތްތަކުން ވެދިން ދީލަތި އެހީއަށްޓަކައި ރެޑް ކްރެސެންޓުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން