ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދު ފަހަރުތައް ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރު ކުރުމާ ގުޅޭ އާ ގަވާއިދު ގެޒެޓްކޮށްފިއެވެ.

ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރު ކުރުމާ ގުޅޭ އާ ގަވާއިދު ގެޒެޓްގައި އާންމުކުރީ މިއަދު އެވެ.

އާ ގަވާއިދާއެކު، ޕެސެންޖާލައިނާތައް ރާއްޖެ އައުމަށް ދައްކަން ޖެހޭ ފީތައް ވަނީ ކުޑަކޮށްފައެވެ.

އާ ގަވާއިދުގައި ބުނެފައިވަނީ ރާއްޖެ އަންނަ އުޅަނދުފަހަރުގެ ތެރެއިން ހަތް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ރާއްޖެ އަންނަ އުޅަނދުފަހަރުން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ޕެސެންޖާ ލައިނާތަކުގެ ފީ އެއްގެ ގޮތުގައި ރާއްޖޭގައި މަޑުކުރާ ކޮންމެ ދުވަހަކަށް 850 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އާ ގަވާއިދު ބުނާގޮތުން މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނަގައިފައިވާނަމަ ކުރިން ޓޫރިސްޓު އުޅަނދުތަކުން ދައުލަތަށް ނަގާ 100 ޑޮލަރުގެ ފީ މިހާރު އެ އުޅަނދުތަކުން ދައްކާކަށް ނުޖެހޭނެއެވެ. އަދި އެ ހުއްދަ ނަގައިފައިވާނަމަ ކުރީގެ ގަވާއިދުގައި ކޮނެމެހެން ނަގަންޖެހޭ ޗާޓާ ލައިސެންސް ވެސް މިހާރު ނަގާކަށް ނުޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެެވެ.

މީގެ އިތުރުން ގަވާއިދާ ޚިލާފުވާ އެޖެންޓުންނަށް އަޅާ ފިޔަވަޅުތަކަށްވެސް އަލަށް ނެރުނު ގަވާއިދުގައި ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން ދެ ފަހަރަށް ވުރެ އިތުރަށް ގާނޫނާ ޚިލާފު ވެއްޖެ ނަމަ، އަލަށް ނެރުނު ގަވާއިދުގައި 6000 ޑޮލަރުން ޖޫރިމަނާ ކުރުމަށްފަހު، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސެންސް ނުވަތަ ހުއްދަ ވެސް ބާތިލު ކުރާނެ ކަމަށް ގަވާއިދުގައިވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު ގަވާއިދުގައި، 6000 ޑޮލަރުން ޖޫރިމަނާ ކުރި ނަމަވެސް ދޫކޮށްފައިވާ ލައިސެންސް ނުވަތަ ހުއްދަ ބާތިލު ނުކުރާ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން