މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް ހަތަރު މިލިއަން ރުފިޔާގެ ދަރަންޏެއް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްލާމިކް ބޭންކް މެދުވެރިކޮށް އެކަމަނާ ނަންގަވާފައިވާ ފައިނޭންސިންގ ފެސިލިޓީއަށް ގަވާއިދުން ފައިސާ ނުދައްކައިގެން، ލޯނުއެކުގައި މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް، މިއަދު އެކަމަނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ ޣައިރު ހާޒިރުގައި ކަމަށެވެ. އަދި އެފަދަ މަދަނީ ހުކުމެއް ކޮށްފައިވާކަން އެނގިވަޑައިގެންނެވީ މީޑިއާގެ ޒަރީޔާއިން ކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ.

މިރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ދައުލަތުގެ ބާރުގަދަ މަޤާމްތައް ފުރުއްވިފަހުންވެސް އެކަމަނާއާއި ގުޅުންހުރި ކޮެރަޕްޝަންގެ އެއްވެސް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބަލަންޖެހިފައި ނުވާ ކަމަށެވެ.

އާޒިމާ ވިދާޅުވީ އެމްއައިބީގެ އެ ފެސިލިޓީއަކީ ހުޅުމާލޭގައި އެކަމަނާ ދިރިއުޅޭ ފްލެޓް ގަތުމަށް 2016 ވަނަ އަހަރު ނަންގަވާފައިވާ ލޯނެއް ކަމަށެވެ. އަދި އެކަމަނާއަށް އާމްދަނީއެއް ލިބެމުންދިޔަ ދުވަހު މި ފެސިލިޓީއަށް ގަވާއިދުން ފައިސާ ދައްކަވަމުން ގެންދަވާފައިވާ ކަމަށްވެސް އާޒިމާ ވިދާޅުުވެފައި ވެއެވެ.

"ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަޅުގަނޑުގެ މައްޗަށް ކޮށްފައިވާ ދައުވާއާއެކު، އަޅުގަނޑު ދަސްކޮށްގެން ހުރި މަސައްކަތް ކަމުގައިވާ ގާނޫނީ ވަކީލުކަމުގެ މަސައްކަތް ކުރުމަށް ހުރަސްތަކެއް ކުރިމަތިކުރުވިއެވެ. އަދި ރާއްޖެއިން ބޭރުން ލިބުނު ވަޒީފާގެ ފުރުސަތުވެސް ވަނީ ބަންދުވެފައެވެ. އަޅުގަނޑަކީ އަމިއްލަ މަސައްކަތުން ދިރިއޫޅޭ މަޔަކަށް ވުމުން، ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަަނީ އަމިއްލަ މަސައްކަތުންނެވެ. ނަމަވެސް ކޮވިޑް ހާލަތާއެކު ވަޒީފާއެއް ނެތި އާމްދަނީއެއް ހޯދުމަށް ކުުރި ތަފާތު މަސައްކަތްތަކުން ލޯނު ދެއްކުމުގައި އެކަށީގެންވާ ކުރިއެރުމެއް ވަނީ ނުލިބިފައެވެ." އާޒިމާގެ ބަޔާނުގައި ވެއެވެ.

އާޒިމާ ވިދާޅުވީ، އެކަމަނާ މި ފައިސާ ދެއްކުމަށް އިސްވެ ތަވާލެއް އެކުލަވާލައި، ލޯނު ރީސްޓްރަކްޗަރ ކުރުމަށް ބޭންކަށް ހުށައަޅުއްވާފައިވާނެ ކަމަށެވެ. އަދި ރީސްޓްރަކްޗަރ ކުރުމުގެ މަޝްވަރާތައް ބޭންކާއެކު ޑިސެމްބަރު މަހުވެސް ކުރިއަށްގެންދެވުނު ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

"މި ހާލަތުގައި މި މަޝްވަރާ ކުރިއަށް ދަނިކޮށް މިގޮތަށް މި ހުކުމް އައުމުން، އަޅުގަނޑުގެ ލޯޔަރުންގެ މަޝްވަރާއެކު، ހުކުމް ރިވިއު ކުރުމަށާއި، އިސްތިއުނާފު ކުރުމަށް ނިންމައި، ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިދަނީ ކުރަމުމުންނެވެ." އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، އެކަމަނާ ރައްޔިތުންނަށް މިދަނޑިވަޅުގައި ދެއްވާނެ ޔަގީން ކަމަކީ މަގާމުތަކުގައި ހުންނެވިއިރު ދައުލަތުގެ މުސާރަ ފިޔަވާ އެހެން އެއްވެސް ފައިސާއެއް ދައުލަތުން ނަގާފައި ނުވާނެ ކަމެވެ. އަދި އެހެން އެއްވެސް ފަރާތަކުން ނާޖާއިޒް ފައިދާއެއްވެސް ނަންގަވާފައި ނުވާނެ ކަަމަށް ވިދާޅުވިއެވެ. އަދި ކެމްޕެއިނާއި ދިމާކޮށް މިފަދަ ވާހަކައެއް އަޑުއައްސަވަން ޖެހިވަޑައިގަތް ނަމަވެސް، ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްވެސް މިންވަރެއްގެ މަޑުޖެހުމެއް ނާންނާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި މިވަގުތުން ފެށިގެން މަސައްކަތާއިގެން އިތުރަށް ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަވެސް ވަނީ ދެއްވާފައެވެ.

"މާލޭގެ މޭޔަރު ކަމަށް އިންތިހާބު ވުމަށް ކުރަމުން ގެންދާ މަސައްކަތް، މިވަގުތުން ފެށިގެން ދާނީ އިހުނަށް ވުރެވެސް ބާރަށް ކުރިއަށެވެ. އަޅުގަނޑުގެ އަގީދާއަކަށް ބަދަލެއް ނާންނާނެއެވެ." އާޒިމާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން