އެކަމަނާގެ ޚިޔާނާތުގެ އެއްވެސް މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަންގައި ނޯންނާނެ ކަމަށާއި ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ މޭޔަރު އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ އާޒިމާ، މިހެން ވިދާޅުވީ މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އެކަމަނާގެ ޚިޔާނާތުގެ އެއްވެސް މައްސަލައެއް އޭސީސީގައި ނޯންނާނެ ކަމަށާއި އެހެން ނަމަވެސް އެކަމަނާއާއި ވާދަވެރި ކެންޑިޑޭޓްގެ 23 މައްސަލަ އޭސީސީގައި އެބައޮތް ކަމަށެވެ. އަދި އެކަމަނާއާއި ވާދަވެރި ކެންޑިޑޭޓުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ ދިވެހި ގައުމުގެ ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނިކޮށް ރައީސުލްޖުމުހޫރިއްޔާއަށް ހަމަލާދީގެން ވަޒީފާއިން ވަކިކުރެއްވި ބޭފުޅުން ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާ އަށްފަހު އެކަމަނާ ލެއްވީ ރައީސް އޮފީހަށް ކަމަށެވެ. ރައީސް އޮފީހުގެ މަގާމަކަށް ވަޑައިގަތުމަށްފަހު ގައުމުގެ އަމާންކަން ކަށަވަރު ކޮށްދިނުމުގެ އިސްރޯލެއް އަދާކުރެއްވި ކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ ކުރިން އަދާކުރެއްވި ދައުލަތުގެ އިސް މަގާމުތަކުގެ ނާޖާއިޒު ފައިދާ ނުނަންގަވާ ކަމަށާއި އޭނާ އުޅުއްވަނީ އަމިއްލަ މަސައްކަތުން ކަމަށެވެެ.

"އަޅުގަނޑުގެ އިހުލާސްތެރިކަމަކަށް ލޯޔަލިޓީއަކަށް މަސައްކަތުގެ ގާބިލުކަމަކަށް ސުވާލެއް ނުކުރެވޭނެ. ކުރެވޭނެ ޖާގައެއް ނުދޭނަން. ކުރެވޭނެ ޖާގައެއް އަޅުގަނޑު މިހާ ހިސާބަށް ދީފައެއް ނޯންނާނެ،" އާޒިމާ ވިދާޅުވި އެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ އެކަމަނާ ހުންނެވީ ރައީސް މުޢިއްޒު އާއެކު ކަމަށާއި އެކަން ބަދަލު ނުކުރެވޭނެ ކަމަށެވެ. .އާޒިމާ ވިދާޅުވީ ސަރުކާރު ކޯލިޝަން ބައިބައިކޮށް ރޫޅާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ޒާތީ ހަމަލާތައް އައި ނަމަވެސް މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އެކަންކަމާއި ކުރިމަތިލުމުގެ ހިތްވަރު ހުންނާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ އަޅުގަނޑުގެ އިހުލާސްތެރިކަން ސާބިތުކަމާއެެކު މި ގައުމަށް ދެއްކި މީހެއް. އެ ބަދަލު ކުރަން ނޫޅުއްވާތި. އަޅުގަނޑާ ޒާތީގޮތުން ބެހުނު ވަރަކަށް އަޅުގަނޑު ވާނީ ބޯ ހަރު. ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ވާނީ ބޯ ހަރު. އަޑު ވާނީ ގަދަ. އަޅުގަނޑުގެ އަޒުމް ވާނީ ވަރުގަދަ." ކުރީގެ ބަންޑާރަ ނައިބް އާޒިމާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން