ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު
ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު
މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިދިކޮޅު އެއްވެސް ކެންޑިޑޭޓަކު ސަރުކާރުގެ ވިޝަން ކާމިޔާބު ކުރުމަށް އެހީތެރިނުވާނެ ކަމަށް އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އަދި ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވިދާޅުވީ މާލޭގެ ރައްޔިތުންގެ ދެ "ޗޮއިސް" އެއް އެބައޮތް ކަމަށެވެ.

އެގޮތުން އެއް "ޗޮއިސް" އަކީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެހީތެރިވާނެ މީހަކު އިންތިހާބު ކުރުން ކަމަށާއި އަނެއް "ޗޮއިސް" އަކީ 2028 ވަނަ އަހަރާއި ހަމައަށް ސަރުކާރު ވައްޓާލުމަށް ބަޔަކު ކުރާ މަސައްކަތަށް އެހީތެރިވާނެ މީހަކު ހޯދުން ކަމަށެވެ.

އާޒިމާ ވިދާޅުވީ ކުރިން ތިން ސަރުކާރުގައި މަސައްކަތްކޮށްފައި ވާނެ ކަމަށާއި އަދި އޭނާގެ އިހުލާސްތެރިކަމާ ވަފާތެރިކަމާ މެދު ސުވާލެއް ނުކުރެވޭނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑާ ދެކޮޅަށް ނުކުތް އެއްވެސް ކެންޑިޑޭޓަކަަށް ވިދާޅެއް ނުވެވޭނެ ތިމަންނަމެން މި ސަރުކާރުގެ ވިޝަން ކާމިޔާބު ކުރުމަށް އެެހީތެރިވާނަމޭ. ވިދާޅެއް ނުވެސް ވާނެ. ވިދާޅެއް ނުވެސް ވެވޭނެ. ވިދާޅުވެގެން އެކަމެއް ނުވެސް ކުރައްވާނެ." އާޒިމާ ރޭ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު އެކުލަވާލައިފައި އޮތް ސްޓެރެޖެޓިކް އެކްޝަން ޕްލޭންއާއި އަދި ޕީޕީއެމް/ޕީއެންސީގެ ސްޓެރެޖެޓިކް މެނިފެސްޓޯ ވެސް ދިރާސާ ކުރެއްވި ކަމަށެވެ.

އެ މެނިފެސްޓޯއާއި ސްޓެރެޖެޓިކް އެކްޝަން ޕްލޭން ބަލައިގަތް ކަމުގެ ހެއްކަކީ މިފަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާކަން ވެސް އާޒިމާ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ ޑޮކިއުމަންޓްތައް ދިވެހީން އޮތީ ބަލައިގެންފައި ކަމަށެވެ.

އަދި އޭނާ ހޮވިވަޑައިގެންފިނަމަ އެ ޑޮކިއުމަންޓްގައި އޮތް ކަންކަން ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން އާޒިމާ ދެއްވި އެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން