މާލޭ ސިޓީގެ ތަރައްގީ މަޑު ޖެހުމަށް ޖާގަ ނުދީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ހޮވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަ ގޮވާލައްވައިފި އެވެ.

ރޭ ބޭއްވި އާޒިމާގެ ކެމްޕޭން ޖަލްސާގައި ޝިޔާމް ވަނީ މީގެ ކުރީގެ ސަރުކާރުތަކުގައި މާލޭ ސިޓީ ކައުންސިލްތައް ހިނގި ގޮތަށް އަލި އަޅުވާލައްވައިފަ އެވެ.

މީގެ ކުރިން މާލޭގެ ބައެއް ސިޓީ ކައުންސިލްތަކުން ތަރައްގީއަށް ހުރަސް އަޅައި އަދި ތަރައްގީ ގެނެސް ދިނުމަށް މަސައްކަތް ކުރެއްވި ވެރިންނާ ދެކޮޅަށް މަސައްކަތް ކުރި މަންޒަރު ފެނިގެން ގޮސްފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

"އެހެން ކަމުން އެފަދަ މަސައްކަތެއް ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ތަރައްގީ މަޑު ޖެހޭތަން އެބަ ފެނޭ. އެހެންވެ މި ދަންނަވަނީ އަޅުގަނޑުމެން މި ހޮވާ ކައުންސިލްއަކީ ތަރައްގީ މަޑު ޖައްސާނެ ބަޔަކަށް ވެގެން ނުވާނެ. ތަރައްގީ މަޑު ޖައްސާނެ ބަޔަކަށް އެ ބޭފުޅުން ނަހައްދަވަން ބޭނުންފުޅު ކަމަށް ވަންޏާމު، ނޫނީ ތަރައްގީއާއެކު ވަޑައިގަންނަވާ ޓީމެއް އަޅުގަނޑުމެން ހިޔާރުކުރަން ބޭނުން ކަމަށް ވަންޏާމު ވަރަށް ފަސޭހައިން މި އޮތީ އެކަން ކުރެވެން." ޝިޔާމް ވިދާޅުވި އެވެ.

އަދި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އާޒިމާ ޝުކޫރު އާއި އަދިި ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލައްވާފައި ތިއްބެވި ޕީއެންސީގެ އެހެން ކެންޑިޑޭޓުންނަށް ވެސް ވޯޓު ދިނުމަށް ޝިޔާމް ގޮވާލެއްވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި ހާސިލު ކުރަން ހުރި ވަރަށް ބައިވަރު ކަންކަން އެބަ ހުރި ކަމަށެވެ. އަދި އޭގެ ގިނަ ކަންކަން ވެސް ހުރީ މާލޭ ސިޓީއަށް ކަމަށް ޝިޔާމު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން