ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަކަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯޒަލްގެ ގޮތުގައި ލިބުނު އިޔާދަކުރަނިވި ހަކަތައިގެ ބިޔަ ޕްރޮޖެކްޓު އިންވެސްޓު ބޯޑުން ދިރާސާ ކުރަމުންދާ ކަމަށް އިކޮންމިކް މިނިސްޓްރީން ބުނެފިއެވެ.

އެސްއީޒެޑްތަކަށް އިންވެސްޓް ކުރަން ހުޅުވާލި ފުރުސަތުގައި ރާއްޖެއަށް ބިޔަ ބޮޑު ސޯލާ ޕްރޮޖެކްޓެއް ލިބިފައިވާ ކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެސްއީޒެޑްގެ ދަށުން ލިބިފައިވާ ފުރަތަމަ ޕްރޮޕޯޒަލް ބޯޑް އޮފް އިންވެސްޓްމަންޓްސް އިން ދިރާސާކުރަން ފަށާފައިވާ ކަމަށެވެ. އެއީ 110 މެގަވޮޓުގެ ސޯލާ އަދި ބެޓެރީ ސްޓޯރޭޖްގެ މަޝްރޫއުއެއް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރު 150 މިލިއަން ޑޮލަރުން 100 މިލިއަން ޑޮލަރަށް ސަރުކާރުން ވަނީ ކުޑަކޮށްފަ އެވެ.

އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކެއް ވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ސާވިސަސް އާއި ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތައް ހިންގުމާއި ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، (އައިސީޓީ ޕާކް) އައިސީޓީއާ ގުޅޭ ފެސލިޓީތައް ގާއިމުކުރުމާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް ހެދުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމުކުރުމަށް ހިންގޭ މަޝްރޫއުތައް ހިންގުމާއި ފުޑް ސެކިއުރިޓީ އަދި ތެޔޮ ހޯދުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން