މާލޭގެ ގަލޮޅު އަވަށު ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަ ކޮޓަރިއެއް ހުންނަ ކަމަށް މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފިއެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް ބުނީ މޮބައިލް ފޯނެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމައި ނެރުނު އަމުރެއްގައެެވެ. އެމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެެ.

އެމީހާ 3 ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ނިންމައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެމީހާ ފޯނު ގަތީ ގަލޮޅުގައި ހުންނަ ކާޓަލްގައި އުޅުނު މީހަކު އަތުން ކަމަށެވެ. އަދި އޭނާ އާންމުކޮށް މަސްތުވާތަކެތި ބޭނުންކުރަނީ ގަލޮޅުގައި ހުންނަ އެ ކާޓަލް ހުންނަ ގެއިން ކަމަށާއި އެގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަ ކޮޓަރިއެއް ހުންނަ ކަމަށް އޭނާ ބުނެފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

"އަދި މަސްތުވާތަކެތި ވިއްކުމަށް އަބަދުވެސް މީހަކު ހަރާކަތްތެރިވާ ކަމަށާއި އެތަނުގައި އާންމުކޮށް ދެ ޖިންސުގެ މީހުން ހިމެނޭހެން އަބަދުވެސް 10-15 މީހުން ހަރަކާތްތެރިވާ ކަމަށް މީނާ ޝަރީއަތުގައި ބުނެފައިވޭ." ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބް ނެރުއްވި އަމުރުގައިވެއެވެ.

މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހަކީ ވައްކަމުގެ ގިނަ މައްސަލަތަކެއްގެ ރިކޯޑް އޮންނަ މީހެކެެވެ. އެގޮތުން ތަފާތު އެކި މައްސަލަތަކުގައި އޭނާ 32 ފަހަރު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން