ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކޮށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް އަލުން މިއަދު ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިރޭ ކުރި އިޢުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ޙަވާލުކުރުމުގެ އިތުރުން ބިން ޙަވާލުކުރުން 03 ޖަނަވަރީ 2024 އިން ފެށިގެން އެ މިނިސްޓްރީން ކުރިޔަށް ގެންދާނޭ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯން އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިން ހާޟިރުވާނެ ތާރީޚާއި ގަޑި އަދި ތަން އަންގާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން މިހާތަނަށް ޙަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ އެ މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާޙް ކޮށްދޭނެ ކަމަށް ވެސް ހޯމް ލޭންޑް މިނިސްޓްރީން ބުނެފައި ވެއެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

އޭރު ހައުސިންގ މިނިސްޓްރީން ބުނީ ޝަރުތު ހަމަވެގެން ގޯތި ލިބޭ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން އޭރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށެވެ. އަދި އެ ސަރުކާރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބިމާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

މީގެއިތުރުން ބިންވެރިޔާ ސްކީމުގެ ދެވަނަ ބުރު އިޢުލާންކޮށް ފޯމު ހުށައެޅި ފަރާތްތަކުގެ ލިސްޓު ވެސް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ވަނީ ގެޒެޓްކޮށް އާންމު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން