ކުރިއަށް އޮތް ރޯދަ މަހަށް ހުކުރު މިސްކިތް ސަރަހައްދާއި މުންނާރު ޒީނަތްތެރި ކުރަން ނިންމައިފި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ބޭނުންވާ ތައްޔާރީތައް ސްޓެލްކޯއާއެކު މިހާރު ވަމުންދާކަމަށެވެ. އަދި މި އަހަރުގެ ރަމަޟާން މަހުގެ ކުރިން ހުކުރުމިސްކިތާއި އެމިސްކިތުގެ ގޯތިތެރޭގައި ހުރި ތަންތަނާއި މުންނާރުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، ރޯދަ މަހަށް އެސަރަޙައްދު ޒީނަތްތެރިކޮށް ނިންމުމަށް ހަމަޖައްސާފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ އެކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭގިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ގެ އިތުރުން ދެ މުއައްސަސާގެ ކަމާބެހޭ އިސްވެރިން ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

އެ ދެ މުއައްސަސާގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތައްވެސް ހިމެނޭ ހާއްސަ ކޮމިޓީ އެއްގެ ބެލުމުގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ތަރިކަ މިނިސްޓްރީން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފޯރުކޮށްދޭ އެފަދަ ހިދުމަތްތައް ފުޅާކޮށް، ހާއްސަކޮށް ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ ފަންނީ ދައުރު އިތުރުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މުންނާރުގެ އިތުރުން ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކޮށް އެތަނުގައި ހުރި ބައެއް އެހެނިހެން އާސާރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. އަދި މުންނާރުގެ އެތެރެއާއި ބޭރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް އާބާތުރަ ފިލުވުމާއެކު ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިން ކުރަމުން ދިޔަ ފަރާތުން އެތަނުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރ ނަގައި ކޮނެފައި ހުރި އުވަ ވަޅު ސާފުކޮށް ފަސްއެޅުން ފަދަ ކަންކަން ވެސް ކުރާނެ އެވެ. އެ މަސައްކަތްތައް ކުރާނީ ސްޓެލްކޯގެ ހާއްސަ ފަންނީ ޓީމަކުންނެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ވިއްސާރަ އަލިވެ މި މަސައްކަތަށް މޫސުން ތަންދިންހާ އަވަހަކަށް މަސައްކަތް ފަށަން ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން