މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއް ކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ބުނެފިއެވެ.

މިނިވަންދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުވައި އެމްއާރުއެމުން ނެރުނު ބަޔާނުގައި ބުނީ މިނިވަންކަން ހޯދުމަށް ކުރެވޭ މަސައްކަތަށްވުރެ މިނިވަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް މާބޮޑުވާނެކަމަށެވެ. އެކަންކުރުމުގައި ދިމާވާ ގޮންޖެހުންތައްވެސް އިތުރުވާނެކަމަށެވެ. ނަމަވެސް މިކަންކަމާއިއެކު ދިވެހިންގެ މިނިވަންކަން ހިމާޔަތްކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއްކަމަށް މިބަޔާނުގައި ވެއެވެ.

"މިނިވަންކަން ހޯދުމަކީ އެކަމުގައި އެތައް ބަޔެއްގެ ބޮޑެތި ޤުރުބާނީތަކަކާއި ޙައްޤުތައް ޝާމިލުވާ ކަމެއްކަމުން، މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެކެވެ. ކިތަންމެ ގޮންޖެހުން ބޮޑުނަމަވެސް އެކަމުގެ ޒިންމާއާ މައްސޫލިއްޔަތު އެޅިފައި އޮންނަނީ އެއިރެއްގެ ސަރުކާރެއްގެ ކޮނޑުގައެވެ. ހަމައެހެންމެ، އެ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުންވެސް މަސައްކަތްކުރަން ޖެހެއެވެ. އެއީ އެކަންކުރުމަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީ އިން ދިވެހި ދައުލަތާއި ރައްޔިތުންނަށް ލާޒިމްކޮށްފައިވާ ކަމަކަށްވާތީއެވެ." އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

މިނިވަން ދުވަސް މިއަހަރު ބައްދަލު ކުރިއިރު، ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޯވިޑް-19 ވަނީ މުޅި ދުނިޔޭގައި ފެތުރިފައިކަމަށާއި، ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖެ ވެސް މިވަނީ މި ވަބާ ތަހައްމުލް ކުރަން ޖެހިފައިކަމަށް އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ. މިކަމުގެ ސަބަބުން އާންމުކޮށް އުޅެމުން އައި ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން ދެކެން ޖެހޭކަމުގައި އެމްއާރްއެމުން ބުނެފައިވެއެވެ.

"މިއަދު މި ބަލީގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ މިނިވަން ކަމަށް މިވަނީ ހީނުކުރާ ފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތި ލާންޖެހިފައެވެ. މި ކަމުން ސަލާމަތްވެ ކުރީގައި އުޅުނު މިނިވަން ދިރިއުޅުން އިއާދަ ކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެނެވެ. ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ޢަމަލު ކޮށްގެނެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާ ކުރުމަށް މިއަދު އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަން ޖެހެއެވެ." އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ކޯވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެންނަވައި، އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތެއް ކަމުގައި އެމްއާރުއެގެ ބަޔާނުގައި ބުނެފައިވެއެވެ. މިނިވަންދުވަސް އައި އިރު ރައްޔިތުންނަށް މިވަނީ، މިނިވަން ކަމާއެކު އެއްރަށުން އަނެއް ރަށް ދަތުރުކުރެވޭނެ ޙާލަތާއި ގޮތް ނެތިފައި އެކަމުގެ ދަތިތަކާއި ކުރިމަލާން ޖެހިފަކަމަށެވެ. މިޙާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމު ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ބަޔާނުގައި ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން