މާލޭގެ ފެން ބޮޑުވުމުވެ މައްސަލަ ހައްލުކުރުމަށް 100 މިލިއަން ޑޮލަރު ވަރު ޚަރަދުވާނެ ކަމަށް ކޮންސްޓްރަކްޝަނާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ވިލިމާލޭގެ މަގުތަކާއި ފ. ނިލަންދޫގެ ބިން ހިއްކައި އެއާޕޯޓު އެޅުމުގެ ސާވޭއާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ހަވާލު ކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކޮންސްޓްރަކްޝަނާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް މުއްތަލިބް ވިދާޅުވީ މާލޭގެ ހުރިހާ މަގުތަކެއް ހެދުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގަދައަށް ވިއްސާރަކުރާ ދުވަސްވަރު ފެންބޮޑުވާ މާލެ ސިޓީގެ މަގުތައް ތަރައްގީކުރާނީ އެކި އެކި ތަންތަންކޮޅުން ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ މައްސަލައަށް ޖުމްލަ ގޮތެއްގައި ހައްލެއް ގެނެސްދެއްވަން މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން، މަގުތައް ތަރައްގީކުރާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުން ހިމެނޭ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރަށްވެސް، މާލޭގެ މަގުތައް ހަދާއިރު ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމު ވެސް ގާއިމު ކުރުމަށް ކަނޑައެޅިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްޓޯމްވޯޓާގެ މަސައްކަތަކީ 2018 އިން ފެށިގެން ކުރީގެ ސަރުކާރުންވެސް ޕަމްޕްތައް ހަރުކޮށްގެން ކުރަން އުޅުނު މަސައްކަތެއް ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. އަދި މިހާރު ބުރި ޕަންޕު ތަކުން 30 މިނިޓްގެ ތެރޭގައި ފެން ހިންދާ ޕަމްޕްތަކުން މާ ގިނައިން ފެން ބޭރުކުރުމުގެ ކެޕޭސިޓީއެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު އާރްޑީސީއާއި ގުޅިގެން ގެންނަން އުޅޭ އައު ސާމާންތަކުގައި އެވަރަށް ގާބިލިއްޔަތުކަން ހުރުމުން އަމީނީ މަގުގައި ދިމާވާ ފެން ބޮޑުވުމުގެ މައްސަލައަށް ޖުމްލަގޮތެއްގައި ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މުއްތަލިބް އިތުރަށް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ތެރޭގައި މާލޭގެ އުތުރު ފަރާތުގެ ކީ ވޯލް، ބޭރަށް ޖައްސައި މަގު ފުޅާ ކުރަން ޖެހިފައިވާ ކަމަށެވެ.

"އެހެންވީމަ އެ މަސައްކަތަކީ ވަކި ދިމާތަކުން ހައްލެއް ހޯދުމަށް ވުރެ މުޅި މާލެ އިން އެއްކޮށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރާނެ ކަމެއް. މީގެކުރިން ފެން ބޮޑުވުމުގެ ހާދިސާއެއް ދިމާވެދާނެ ކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރާނަން. ވަގުތީ ގޮތުން ގެންނަން ޖެހޭ ހައްލުތައް ގެންނާނަން. ޕަމްޕުތައް ހޯދާފައި އެއަށް ތައްޔާރުވެގެން އަޅުގަނޑުމެން ތިބޭނީ. އެފަދަ ގެއްލުންތަކެއް ނުލިބޭނެ ގޮތަށް ކަންތައް ކުރެވޭތޯ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން." މުއްތަލިބް ވިދާޅުވިއެވެ.

އެންމެ ފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައިވެސް މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގިނަ ގެތަކަކަށް ވަނީ ގެއްލުން ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން