ރައީސް ސޯލިހް ރައީސް ނަޝީދު އާއި ބައްދަލުކުރައްވަނީ
ރައީސް ސޯލިހް ރައީސް ނަޝީދު އާއި ބައްދަލުކުރައްވަނީ
ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާ އެކުގައި މަސައްކަތް ކުރުމަށް ސިޔާސީ ވާދަވެރިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮވާލެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް އެގޮތަށް އިލްތިމާސް ކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާ މުޚާތަބުކުރައްވަމުންނެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ދައުލަތުގެ އިހުލާސްތެރި ވާދަވެރިޔާއާއި އޭނާގެ ކެބިނެޓުގެ ފާޑުކިއުން މުހިއްމު ވާނެ ކަމަށެވެ. އަދި މިނިވަން ކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ ވެރިކަމުގެ އިންތިޒާމުގައި ވާދަވެރި ސިޔާސީ ޕާޓީތައް މިހާރަށް ވުރެ ބޮޑަށް ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި އިލްތިމާސަށް މަރުހަބާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.



ރާއްޖޭގެ ފަހުރުވެރި 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ސިޔާސީ ކަންކަމުގައި އެކި ހާލަތުގައި ޚިޔާލުތަފާތުވުންތަކެއް އައިކަމުގައި ވީނަމަވެސް ޤައުމީ މަސްލަހަތު ހިމެނޭ އެންމެބޮޑު ކަންކަމުގައި ގުޅިގެން މަޝްވަރާއާއިއެކު ކުރިއަށް ދިއުމަކީ ޤައުމަށް އެންމެ ފައިދާކުރާނެ ގޮތްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ސިޔާސަތު ބައްޓަން ކުރުމުގައި އެންމެ އިސްކަމެއް ދީފައިވަނީ މަލްޓިޕާޓީ އުސޫލުން ޑިމޮކްރަސީގެ ރީތި ހަމަތަކާއިއެކު މަޝްވަރާއާއި، އެއްބައިވަންތަކަމާއި އެކުގައި ކުރިއަށް ދިޔުމަށް ކަމަށެވެ. ޚިޔާލުތަފާތުވާ ކަންކަން ހުއްޓަސް ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެންމެން ގުޅިގެން މަޝްވަރާއާއިއެކު ކަންކަން ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއިއެކުގައި މަސައްކަތްކުރަން ފެއްޓުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަބޭފުޅުންގެ ހިތްވަރާއި މަޝްވަރާއަށް އަބަދު މަރުހަބާ ކިޔާނަން." ރައީސް ޞާލިހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


1

އަލީ ނަސީމް

27-Jul-2020

ރައީސަށް އެ ކިޔުނު އެއްޗެއް އެނގޭނެ ހެނެއް ހިޔެއް ނުވޭ. އެ މަނިކުފާނުގެ ހަމައެކަނި ޒިންމާއަކީ ބަޔަކު ދައްކާހާ އެއްޗެއްގައި ސޮއިކޮށްލުމާއި ލިޔެފައި ދޭ އެއްޗެއް ކިޔައިލުމާއި މުސާރަ ނެންގެވުން. ގައުމުގައި ހިންގާހާހާ ކަމެއް ކުރެވޭނީ ވެރިޔާގެ ވެރިޔާއާއި މޯޑީގެ ސަފީރު ބުނާ ގޮތަކަށް.



ޓްރެންޑިން