ހުޅުމާލޭގެ ރަށްވެހިކަމުގެ މަސައްކަތްތައް މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ.

ހުޅުމާލޭ ރަށްވެހިކަމުގެ މަސައްކަތްތައް މާލެސިޓި ކައުންސިލަށް ބަދަލުކުރުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްްޓަރ ޑރ. މުހައްމަދު ޝަފީގެވެ. އަރބަންކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ އެކްޓިންގ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްއެވެ.



ފިނޭންސް މިނިސްޓްރީން ބުނީ މި ފަހުމްނާމާގެ ދަށުން ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ރަށްވެހިކަމުގެ ހިދުމަތްތަކުގެ ތެރެއިން އާބަންކޯގެ ފަރާތުން ދެމުންގެންދާ ހިދުމަތްތައް މިއަދުން ފެށިގެން 1 މަސް ތެރޭގައި ހުއްޓާލާނެ ކަމަށެވެ. އޭގެފަހުން އެ ހިދުމަތްތައް ހުޅުމާލޭގައި ފޯރުކޮށްދެމުން ގެންދާނީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އާބަންކޯގައި ރަށްވެހިކަމުގެ ހިދުމަތްތައް ފޯރުކޮށްދެމުންދާ މުވައްޒަފުންނާއ،ި ރަށްވެހިކަމުގެ ހިދުމަތްތަކާ ގުޅޭގޮތުން ތަރައްގީކޮށްފައިވާ ބިންތަކާއި އިމާރާތްތަކާއި، އެކަމާ ގުޅޭ ވެހިކަލްތަކާއި، ޓޫލްސް އަދި އެކުއިޕްމަންޓްސް މާލޭ ސިޓީ ކައުންސިލާ ހިއްސާ ކުރުމަށް އެއްބަސްވެފައި ވެެެއެވެ. އަދި، މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާނެ ވޯކް ސައިޓް އަދި އޮފީސް ސްޕޭސް މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތައް އެ ކައުންސިލުން އަގެއް ނެގުމަކާ ނުލައި ޝެއާޑް ބޭސިސްއެއްގައި އާބަންކޯ އާއި މާލޭ ސިޓީ ކައުންސިލުން ބޭނުންކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ހުޅުމާލޭގެ އެންމެހާ މުނިސިޕަލް ހިދުމަތްތައް މިހާރު ދެމުން އަންނަނީ އާބަަންކޯއިންނެވެ. އެކަން ބަދަލުކޮށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފްތާ 14"ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް އަމާޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން