އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ނިންމައި ރާއްޖޭގެ މައި އެއާރޕޯޓާ ގުޅިފައިވާ ބިޔަ ނަޝްރޫޢު މިރޭ އިފްތިތާހުކޮށްފިއެވެ.

މިރޭ ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެއާޕޯޓް މަޝްރޫޢު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ މަޝްރޫއަށް މި މަޝްރޫޢު ވެގެންދާއިރު މިމަޝްރޫއާއެކު އެއާޕޯޓުން އެތަކެއް އާ ޚިދުމަތްތައް ލިބެމުންދާނެކަމަށް ސަރުކާރުން ބުނެފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޜ. މުޙައްމަދު މުޢިއްޒު މިރޭ ފަށްޓަވައިދެއްވި މި މަޝްރޫޢުއަކީ ދިވެހީންގެ ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލާނެ މަޝްރޫޢުއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަލްޓިބިލިޔަން ޑޮލަރުގެ އަގުހުރި މި މަޝްރޫޢު ކުރިޔަށް ގެންދަނީ އަންނަ 20 އަހަރަށް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް އޮންނާނެ ގޮތުގެ މާސްޓަރ ޕްލޭނެއްގެ ދަށުންނެވެ. މި މަޝްރޫއު ނިމުމަށްފަހު ގަޑިއެއްގެ މައްޗަށް 4000 ވަރަކަށް ފަސިންޖަރުންނަށް އެއާޕޯޓުން ޚިދުމަތް ދެވޭނެ ފެންވަރު ހުންނާނެ ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދީފައި ވެއެވެ.

މި މަޝްރޫޢުގެ ދަށުން ޓާމިނަލް ބޮޑުކޮށް ތަރައްޤީކުރުމުގެ އިތުރަށް އެއާޕޯޓްގައި ތެޔޮ ރައްކާކުރުމުގެ ކެޕޭސިޓީވެސް އެތައް ގުނައަކަށް އިތުރު ކުރެވޭނެއެވެ. އެގޮތުން މަޝްރުޢޫ ނިމޭއިރު 100 މިލިޔަން ލީޓަރުގެ ތެޔޮ ރައްކާކުރާނެ ފެސިލިޓީ ހުންނާނެކަމަށާއި، ފްލައިޓްތަކަށް މެއިންޓެނެންސް ރިޕެއަރ އަދި އޮވަހޯލް ކުރެވޭނެ ފެސިލިޓީއެއް ޤާއިމް ކުރުމަށްވެސް ޕްލޭންގައި ވެއެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ ތެރެއިން ޖެޓްތަކަށް ޚާއްސަ ޓާމިނަލްއެއްވެސް އެޅުމަށް ހަމަޖެހިފަވެއެވެ. އަދި ވަކިން އެހެން ރަށެއްގައި ސީ ޕްލޭން ތަރައްގީކޮށް އެރަށާއި އެއަރޕޯޓާއި ޚާއްޞަ އިކޮނަމިކް ޒޯން ބްރިޖުތަކުން ގުޅާލުމަށް ވެސް ޕްލޭންގައި ވެއެވެ. އެގޮތުން ހޮޓާތަކާއި ވިޔަފާރި މަރުކަޒު ތަކާއެކު ސީ ޕްލޭން ޓާމިނަލް ގާއިމު ކުރަން ޕްލޭންގައި ވަނީ ފުނަދޫގައެވެ.

މި ޕްރޮޖެކްޓްގައި ހިމެނިގެން ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ޑޮމެސްޓިކް ޓާމިނަލަކާއި ބަޖެޓް އެއާލައިން ތަކަށް ނުވަތަ އަގުހެއު އެއާލައިން ތަކަށް ޚިދުމަތްދޭ ވަކި ޓާމިނަލެއްވެސް ތަތައްގީ ކުރަން ވަނީ ނިންމާފައެވެ.

މީގެއިތުރުން އެއާޕޯޓް ވިޔާފާރި ޒޯން ގުޅާލެވޭ ބްރިޖްތަކާއެކު މޮނޯރޭޅްގެ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ވެސް ގާއިމު ކުރެވިގެންދާނެ ކަމަށް ޕްލޭންގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން