އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ އެންމެ ބޮޑެތި މަސައްކަތް 10 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިމޭނެެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. އެމަނިކުފާނު މި މަޝްރޫޢު އިފުތިތާޙް ކޮށްދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާ އެކުއެކީގައި މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އަހަރަކު ޖުމްލަ 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މިރޭ އިފުތިތާޙް ކުރި މަޝްރޫޢާއެކު މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ޚިދުމަތްތަކާއި ވަޞީލަތްތައް ތަރައްޤީކުރެވި، އެއަދަދު ޖުމްލަ 25 މިލިޔަނަށް އިތުރުވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތައް މިއަހަރު ފެށިގެންދާއިރު މުޅި މަޝްރޫޢުގެ ބޮޑުބައި މި ފަސްއަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި 10 އަހަރުގެ ތެރޭގައި މަޝްރޫޢުގެ އެންމެބޮޑެތި މަސައްކަތްތައް ނިންމަވަން ސަރުކާރުން ރާވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭ އިފުތިތާޙް ކުރެއްވި މަޝްރޫޢުގެ ތެރޭގައި މިހާރުގެ ސީޕްލޭން ޓަރމިނަލް އެހެންތަނަކަށް ބަދަލުކުރުމާއި، ޖެޓްތަކަށް ޚާއްޞަ ޓަރމިނަލެއް ހެދުމާއި، ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތްދެވޭ ވަރަށް ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުމާއި، ކާގޯ ފެސިލިޓީ ތަރައްޤީކުރުމާއި އަދި ފުނަދޫގައި ހުންނަ ތެޔޮ ސްޓޯރޭޖް އެހެންތަނަކަށް ބަދަލުކޮށް އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން ފުނަދޫ، މާލެއާއި ހުޅުލެއާ ބްރިޖުން ގުޅުވާލުމާއި، ހުޅުލެއާއި ހުޅުމާލެއިން ސީޕްލޭން ޓަރމިނަލްއާވެސް ގުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން