ގުޅީފަޅުގައި ހަދަން ނިންމާފައި އޮތް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ގުޅީފަޅުގައި ހަދަން ނިންމި ޕޯޓު ތިލަފުއްޓަށް ބަދަލު ކުރަން ނިންމީ ގުޅިފަޅަކީ އެމަޝްރޫޢު ތަރައްގީކުރަން އެންމެ އެކަށޭނަ ސަރަހައްދަށް ނުވާތީ ކަމަށެވެ. އެގޮތުން ތިލަފުށީގައި ގާއިމުކުރާ ޕޯޓު ވެގެންދާނީ އިންޓަރނޭޝަނަލް ކޮމަރޝަލް ޕޯޓަކަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ގުޅީފަޅުގައި ހަދަން ނިންމާފައި އޮތް ޕޯޓު، އެތަނަށް އެކަށީގެންވާ ކަމަކަށް ނުވާތީ، ތިލަފުއްޓަށް ބަދަލު ކުރުމަކީ އަޅުގަނޑުމެން މިހާރު ނިންމާފައިވާ ކަމެއް. ތިލަފުށީގައި އިރާދަކުރެއްވިއްޔާ ހަދާނީ އިންޓަރނޭޝަނަލް ފުރިހަމަ ކޮމަރޝަލް ޕޯޓެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިލަފުއްޓަށް ގެނެވޭ ތަރައްގީ އާއި އެއަރޕޯޓް ތަރައްގީ ކުރުމާއި ގުޅިލާމެހިފައިވާކަމަށާއި، އެގޮތުން މިމަޝްރޫޢުތައް ނިމިގެންދާއިރު، މިހާރު މި ތަސައްވަރު ކުރެވޭގޮތަށް އިގުތިސާދީ ގޮތުން ފުޅާ ދޮރާއްޓެއް ހުޅުވިގެންދާނެކަމަށެވެ.

މީގެއިތުރުން ތިލަފުށީގައި ހިއްކާ ބިމާއި، އެއާއި ގުޅިފައިވާ ބިމާއި އެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވެސް ބިން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރަށް ހިއްކާ ބިމުން، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން އަށް ބޭނުންވާ ބިން ކަނޑައަޅާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ކުންފުންޏަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާއެތެރެކުރުމާއެކު އަވައްޓެރި އެހެން ބައެއް ޤައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް އުފައްދާ ކުންފުންޏެކެވެ.

މިކުންފުނި އުފައްދަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުޏެއްކަމުގައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޝާމިލުވާގޮތަށް އުފައްދާ މައިކުންފުންޏެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން