އެކަމަނާ އާއި މެދު ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ދެއްވައިފިއެވެ.

އާޒިމާ މިހެން ވިދާޅުވީ އެކަމަނާ ފްލެޓް ގަންނަން ކުންފުންޏަކުން ދިން 1.9 މިލިއަން ރުފިޔާ ނުދައްކައިގެން އިތުރު ދައުވާއެއް ކޮށްފައިވާކަމަށް ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރަކާއި ގުޅިގެންނެެވެ. އެކަމާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާޒިމާ ޝަކޫރު ވިދާޅުވީ އެކަމަނާ އާއި ދެކޮޅަށް ކޯޓަށް ބަޔަކު މައްސަލަ އެއް ހުށައެޅިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަން ސާފުކުރަން ސިވިލް ކޯޓަށް ހުށައަޅާފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"އަޅުގަނޑާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރައިފި ކަމަށް ވަންޏާ އަބުރުގެ ދައުވާ ވެސް ކުރާނަން، ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާނަން. ސާބިތު ކަމާއެކު މި ދަންނަވަނީ." ކުރީގެ ބަންޑާރަ ނައިބް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ އެކަމަނާ އަކީ މިހާތަނަށް ވެސް ދައުލަތުގެ އެއްވެސް ފަައިސާއެއްގައި ޖެހި ޚިޔާނާތްތެރިވެފައިިވާ ބޭފުޅެއް ނޫންކަމަށެވެ. އަދި އަބަދުވެސް ދެމި ހުންނަވާނީ ރައްޔިތުންގެ ޚިދުމަތުުގައި ކަމަށް އާޒިމާ ވިދާޅުވިއެވެ. ހަމައެއާއެކު މާލޭ މޭޔަރު ހޮވުމަށް ކުރިއަށް އޮތް ވާދަވެރި އިންތިޚާބާ ދިމާކޮށް ސިޔާސީ ގޮތުން އަންނަ އެއްވެސް ހަމަލައަކާ ފަސްޖެހިވަޑައިނުގަންނަވައި ކެރިގެން ކުރިމަތިލައްވާނެކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ ފިލައިގެން އުޅޭ މީހެއް ނޫން، ޚިޔާނާތުގެ ފައިސާ އެއްގައި ޖެހިފައި ހުރި މީހެއް ނޫން. އެހެންނަމަ ދިވެހި ދައުލަތުގެ އެންމެ ބޮޑެތި ނިންމުންތައް ނިންމުމުގައި ސޮއިކުރީ ސީދާ އަޅުގަނޑު. އަޅުގަނޑު ފައިސާ އެއް ނަގާފައި ހުރިނަމަ ކީއްވެތޯ ގޯތި ގެދޮރު ވިއްކާލާ ހިސާބަށް ދިޔައީ. އެއީ އަޅުގަނޑާއި ދަރިފުޅު ދިރިއުޅޭ ތަން." އާޒިމާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން