ޣައްޒާގެ ދެކުނުގެ ސަރަހައްދެއްގައި އިޒްރާއީލުން ދިން ހަމަލާއެއްގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ތެރޭގައި ހުރި ކުޑަކުއްޖެ.
ޣައްޒާގެ ދެކުނުގެ ސަރަހައްދެއްގައި އިޒްރާއީލުން ދިން ހަމަލާއެއްގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ތެރޭގައި ހުރި ކުޑަކުއްޖެ.
ދެކުނު އެފްރިކާއިން އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅި މައްސަލައަށް ރާއްޖެއިން މަރުޚަބާ ކިޔާކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތައް ދަމަހައްޓައި، ކުށެއް ނެތް މައުސޫމް އިންސާނުންގެ ފުރާނަ ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރުމަށް ޑިމާންޑްކުރަން ޖެހޭކަމަށެވެ.

މީގެއިތުރުން ހަނގުރާމަ ހުއްޓާލުމަށާއި، ވަގުތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލަމުންދާއިރު، މިލާއިންސާނީ އަމަލުތަކަށް އިންސާފުވެރި ސުލްޙަވެރިކަމެއް ލިބިގެންދާނީ 1967 ގެ ކުރިން އޮތް ފަދައިން މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ދެކުނު އެފްރިކާއިން އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ 29 ޑިސެމްބަރ 2023 ގައެވެ.

ދެކުނު އެފްރިކާގެ މި ހުށައެޅުމުގައި 1948 ވަނަ އަހަރު އެކުލަވާލި "ނަސްލު ނައްތާލުން ހުއްޓުވުމާއި އަދަބު ދިނުމުގެ މުއާހަދާ" އާއި އިސްރާއީލުން ހިލާފުވެފައިވާކަން ކަނޑައަޅައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.

މިމައްސަލަ ހުށައަޅާފައިވަނީ އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި، ފަލަސްތީނުގެ ޣައްޒާގެ އުތުރުގެ ބޮޑު ސަރަހައްދެއް ހުސްކޮށްފައިވާއިރު، ޣައްޒާގެ ދެކުނާއި ސެންޓްރަލް އޭރިއާ ސަރަހައްދަށްވެސް މިހާރު ދަނީ ހަމަލާ ދެމުންނެވެ.

ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާގޮތުން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ގާތްގަނޑަކަށް 22،400 މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން