ރަމަޟާން މަހުގެ ފަހުން މަޖިލީސް އިންތިޚާބު ބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ދީފައި ވަނިކޮށް ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަން، އީސީން މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.

އެމްޑީޕީން އިއްޔެ އީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނޭ ތާރީޚެއް ކަނޑައެޅުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ލަފައަކަށް އެދުމުން އެ ކޮމިޓީން އީސީއަށް ލަފާދީފައިވަނީ ރޯދަމަހުގެ ފަހުން އިންތިޚާބު ބޭއްވުމަށް ކަމަށެވެ.



މީގެ އިތުރުން ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބަށް ކޮމިޝަނުން އެކުލަވާލައްވާފައިވާ ޤަައުމީ ލަފާދޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތައް ފިޔަވައި ބައިވެރިވި އެހެން ހުރިހާ ފަރާތްތަކުން (ސިޔާސީ ޕާޓީތަކުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ކޮމިޝަންތަކާއި ޖަމިއްޔާތަކުން) ވެސް އެދިފައިވަނީ ރަމަޝާން މަހުގެ ފަހުގެ ތާރީޚެއްގައި މަޖިލީހުގެ އިންތިޚާބު ބާއްވައި ދިނުމަށް ކަމަށް އެމްޑީޕީގެ ސިޓީގައި ވެއެވެ.

އެމްޑީޕީން ބުނީ މިފަދައިން ތުހުމަތުކުރެވޭ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގައި ޤާނޫނީ ގޮތުން މަސްއޫލިއްޔަތުތަކެއް އަދި ޒިންމާތަކެއް މަތިކުރެވިފައިވާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް އެދިވަޑައިގެންފައިވަނީ ރަމަޟާން މަހުގެ ފަހުން އިންތިޚާބު ބޭއްވުމަށް ކަމަށެވެ. އަދި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާތަކުންވެސް ވަކިވަކިން އީސީއަށް ލަފާދީފައިވަނީ ރޯދަ މަހުގެ ފަހުން އިންތިޚާބު ބޭއްވުމަށް ކަމުގައި އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ.

އެހެން ނަމަވެސް، މިިދޔަ އަހަރުގެ ޑިސެމްބަރު 27ގައި ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ލަފަޔާއި ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންގެ އެދިވަޑައިގަތުމާއި ޚިލާފަށް ސަރުކާރުގެ ނުފޫޒުން ކުރިއަށް އޮތް މަޖިލީސް އިންތިޚާބު ރޯދަ މަސް ތެރޭގައި ބޭއްވުމަށް އީސީން ނިންމަން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ރަމަޟާން މަހުގެ ކުރިން އިންތިހާބު ބޭއްވޭ ގޮތަށް ހަމަޖައްސައި ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން