ރައްޔިތުންގެ އުއްމީދުތަކުގައި މި ސަރުކާރުން ހަގީގީ ކުލަ ޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރު އޮތީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރަން ކަމަށެވެ. އެގޮތުން މިސަރުކާރުން ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ހަވާލުކުރި ޒިންމާ ފުރިހަމައަށް އަދާކުރުމުގައި، ރައްޔިތުން ދެއްވާ އެހީތެރިކަމާ އެކީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ވައުދުވީ ގޮތަށް ހުރިހާ ވައުދެެއް ވެސް ފުއްދަވައިދެއްވާނެ ކަމަށެވެ.

މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ތިބި ހުރިހާ ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި، އަމިއްލަ ފަރާތްތަކާއި އަދި މުޅި ދައުލަތުގެ ހުރިހާ އެންމެންގެ އެކުވެރިކަމާ އެކީގައި، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކޮށްދޭނެ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ މިއަދު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށް ކަންތައްތަކެއް ފަހިކުރުމުގައި އެންމެން އެކައްޗެއް ކިޔަން ކަމަށެވެ. އޭރުން ސަރުކާރުން އެދޭގޮތަށް ކަންކަން ބައްޓަންވެގެން ދާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަކީ އަދި އަޅުގަނޑުމެންގެ ޓީމަކީ، ރައްޔިތުންގެ ޓީމު. ރައްޔިތުންގެ ޚާދިމެއް އަޅުގަނޑަކީ. ރައްޔިތުން އަޅުގަނޑާ މަސައްކަތް ހަވާލުކުރީ. ޒިންމާ ހަވާލުކުރީ. މި ބުރަ ޒިންމާ، މި ބޮޑު އަމާނާތް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ރައްޔިތުންނަށް އަދާކުރުމަށްވުރެ އުފާވާ، ހިތްހަމަޖެހޭ ކަމެއް އަޅުގަނޑަކަށް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުޅި ސަރުކާރުގެ މި ޓީމު، މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ތިބި ހުރިހާ ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި، އަމިއްލަ ފަރާތްތަކާއި އަދި މުޅި ދައުލަތުގެ ހުރިހާ އެންމެންގެ އެކުވެރިކަމާ އެކީގައި، ރައްޔިތުންނަށް ފައިދާހުރި ކަންކަން އަޅުގަނޑުމެން ކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން