އެމްޑީޕީ ވަކިވެ ޕީއެންސީއާ ގުޅިވަޑައިގެންނެވުމަށް ލޯ ލާރިއެއްގައި ވެސް ނަންގަވާފައި ނުވާނެ ކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ރައްދު ދެއްވައިފިއެވެ.

ނިހާދު މިހެން ވިދާޅުވީ އެމްޑީޕީގެ މެމްބަރުންތަކެއް ޕީއެންސީއަށް ގެންދިޔުމަށް 60 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ތުހުމަތު ކުރެއްވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެެވެ. އެ ތުހުމަތު ތަކާއި ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވީ ޕާޓީ ބަދަލުކުރަން ނިންމި ނިންމުން ނިންމަން އެންމެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގެންފައިނުވާ ކަމަށެވެ.

ނިހާދު ވަނީ އޭނާގެ އަގު ވައްޓާލަން މަސައްކަތް ނުކުރުމަށް ފައްޔާޒަށް އިލްތިމާސްކުރައްވާފައެވެ. ނިހާދު ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރަން ރޭވީ ކޮން މަގުސަދެއްގައިކަން ސާފުވަމުންދާ ކަމަށެވެެ.

ސަންގު ޓީވީ ޕްރޮގުރާމެއްގައި ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވީ މަޖިލިސް މެމްބަރުން ހޯދުމަށްޓަކައި ކަމަށެވެ. އަދި މެމްބަރުން ހޯދުމަށް 60 މިލިއަން ރުފިޔާ ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ލީޑަރުންގެ އަރިހުގައި އެދިވަޑައިގެންނެވި ވާހަކަ އެއްސެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީން ވަކިވެ 13 މެމްބަރަކު ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ ސޮއިކުރައްވާފައެވެ. މެމްބަރުން ގަތުމަށް ސަރުކާރުން ރިޝްވަތު ހުށައަޅާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ސަރުކާރުން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން