ރައްޔިތުންގެ މަޖިލީޙުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު މިފަހަރު ބާއްވާ މަޖިލީސް އިންތިޚާބުގައި ކުރެންދޫ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް މިއަދު އިޢުލާންކުރައްވައިފިއެވެ.

ފާދިއްޕޮޅު ހިންނަވަރަށް ނިސްބަތްވާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ނިޔާޒް މިފަދައިން އިޢުލާންކުރެއްވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގެ ޒަރީޔާއިންނެވެ.

މީސް މީޑިއާގައި ނިޔާޒް ވިދާޅުވީ 18 އަދި 19 ވަނަ މަޖިލީހަށް ފާދިއްޕޮޅު ކުރެންދޫ ދާއިރާއިން އެދާއިރާގެ ރައްޔިތުން އަޣުލަބިއްޔަތު ދިނީ އެމް.ޑީ.ޕީގެ ކެންޑިޑޭޓަކަށް ކަމަށެވެ. އެހެންކަމުން 20 ވަނަ މަޖިލީހަށްވެސް އެދާއިރާގެ ރައްޔިތުން ހޮވާނީ އެމްޑީޕީ މެންބަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ކުރެންދޫއާއި އޮޅުވެލިފުށީގެ ރައްޔިތުންގެ ޙައްޤުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކޮށް، ޤާނޫނުތަކަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނެސްގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ސާބިތުކަމާއިއެކީ ދެމިހުންނަވާނެ ކަމަށެވެ. އަދި ފެހި ޤާނޫނު އަސާސީއާއިއެކު ރާއްޖެއަށް ތަޢާރަފްވި ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމްގައި ވެރިކަން ހިންގާ ޕާޓީއާއި އެއްވަރުގެ ޒިންމާއެއް މައި އިދިކޮޅު ޕާޓީގެ ބޮލުގައިވެސް އެޅިފައި އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެހެންވުމުން ސަރުކާރުތައް ބަދަލުވާ ކޮންމެފަހަރަކު އެދާއިރާގެ ރައްޔިތުންގެ އަޣުލަބިއްޔަތުން ވަކި މުއްދަތަކަށް ވަކި ސިޔާސަތުތަކެއް ކުރިއެރުވުމަށް ވަކި ފިކުރަކަށް އިންތިޚާބުކުރި ރައްޔިތުންގެ މަންދޫބަކު އެގޮތުގައި ދެމި ހުންނަން ޖެހިވަޑައިގަންނަވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ކުރެންދޫ ދާއިރާއަށް ކުރިމަތިލައްވަން ނިޔާޒް ނިންމެވިއިރު މިވަގުތު އެދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް އެދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ޓިކެޓްގައެވެ. އެހެން ނަމަވެސް، ދާދި ފަހުން އޭނާ ވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކުރައްވާފައެވެ. ނިމިިދިޔަ އަހަރުގެ ފަހުކޮޅު ޣަނީއާއިއެކު އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނިވަޑައިގެންނެވި އިތުރު 12 މެންބަރުން ވަނީ އެއްފަހަރާއި އެމްޑީޕީ ދޫކުރައްވައި ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން