މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އާޒިމާ ޝުކޫރުގެ މެނިފެސްޓޯގެ ކޮންސެޕްޓް ބިނާވެފައިވަނީ ޑައިވަރސިޓީ ނުވަތަ ތަފާތުތަކާއެކުވެސް އެކުގައި މިނިވަންކަމާއެކު ދިރިއުޅެވޭނެ ވަރުގެ ސިޓީއެއް ބިނާކުރަން މަސައްކަތްކުރުމަށްކަމަށް އާޒިމާ ވިދާޅުވެއްޖެއެވެ.

މިރޭ އާޒިމާ ޝުކޫރުގެ މެނިފެސްޓޯ އާންމުކކުރައްވައި ތައާރަފްކޮށްދެއްވަމުން އާޒިމާ ވިދާޅުވީ ޑައިވަރސިޓީ ކޮންސެޕްޓްގެ ދަށުން މާލެ ސިޓީ ބިނާ ކުރެވިގެން ދާނީ ކޮންމެ މީހަކަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި، ރައްކާތެރިކަމާއި ހަމަޖެހުމާއެކު ދިރިއުޅެވޭނެ ރަށެއްގެ ގޮތުގައި ކަމަށެވެ.

"ހަމަ ކޮންމެ މީހަކަށް، ތަފާތު ކުލައެއްވިޔަސް، ތަފާތު ފަންނެއް ވިޔަސް، ތަފާތު އެބިލިޓީއެއް ވިޔަސް، ތަފާތު އުމުރެއްވިޔަސް، އަޅުގަނޑުމެންނަށް އެކުގައި އުޅެވޭނެ ވަރުގެ ތަނެއް ކްރިއޭޓްކުރުން."

އެގޮތުން ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދީ، މައިދާންތަކާއި ތަންތަން ހުޅުވާލައި، އާއިލާ އާއިއެކު ވަގުތު ހޭލަކޮށްލެވޭނެ ރައްކާތެރިތަނަކަށް މާލެ ހެދުން މިއީ އަމާޒެއް ކަމުގައި އާޒިމާ ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މީހަކަށްވެސް ހަމަޖެހިލައިގެން ވަގުތު ހޭދަ ކޮށްލެވޭނެ ކޮމިއުނިޓީ ސެންޓަރުތައް ގާއިމުކުރުމާއި، ފްރީލާންސް މަސައްކަތްތެރީންނަށް ބޭނުން ހިފޭނެ ޖަގަހަ ތަކާއި، ސަރުކާރުން ނިންމާފައިވާގޮތަށް ކުޅިވަރު ކުރިއަރުވަން ބޭނުންވާ ތަންތަން ގާއިމު ކުރުމުގެ މުހިންމުކަމާއި، މާލޭގެ ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދައިދީ، ބުޅަލަށް ބޭނުންވާ ސިއްހީ ފަރުވާގެ ޚިދުމަތް 24 ގަޑިއިރު ލިބުން މުހިންމުކަން އާޒިމާގެ މެނިފެސްޓޯއިން ފާހަގަ ވެގެންދެއެވެ.

މީގެ އިތުރުން އާޒިމާގެ މެނިފެސްޓޯގައި ރައްކާތެރި އަމާން މާލެ އެއް ބިނާކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ. މީގެތެރޭގައި އެމަރޖެންސީ އަދި ސުއިސައިޑް ހޮޓްލައިނެއް ގާއިމުކުރުމާއި، ބިލްޑިންގ ކޯޑާއި، ފަޔަރ ކޯޑް ފުރިހަމަކޮށް ތަންފީޒުކުރުމުގެ އިތުރުން، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރާ އިންސްޕެކްޓޭޓަރެއް ގާއިމުކުރަން މަސައްކަތްކުރައްވާނެކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މާލެ އަކީ ސާފު ތާހިރު، ފެހި، ފަހި، ފަރި މާލެއަކަށް ހެދުމަށް ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، ރާއްޖޭގައި އުފެދޭ މާމެލާ މެލީގެ ބަގީޗާއިން މާލެ ފެހިކޮށްލައި، ޕްލާސްޓިކް ރީސައިކަލް ކުރުމާއި، ކުނި މަދު ކުރުމުގެ ޕްރޮގްރާމްވެސް ހިންގަން މުހިންމުކަމަށެވެ.

އާޒިމާގެ މެނިފެސްޓޯގައި މާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކި އިމާރާތްތަކަށް ވަދެ ނިކުތުމާއި، އެކި ކަންކަން ކުރުމަށް މިހާރުވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރައްވާނެކަން ފާހަގަކޮށްފައިވެއެވެ.

ހަމަ މިއާއިއެކު، މާލޭގައި ފެންބޮޑުވުމުން ފެންހިދުމާއި، މާލޭގައި ދުއްވާ އުޅަނދު ތަކާއި، މާލެއަށް އެތެރެކުރާ އުޅަނދުތަކަށް ބޭނުންވާނެ ރަނގަޅު އިންތިޒާމުތަކެއް ކަނޑައެޅުން މުހިންމުކަމަށް އާޒިމާގެ މެނިފެސްޓޯގައި ފާހަގަކޮށްފައިވެއެވެ.

އާޒިމާ ވިދާޅުވީ ގުޅިގެން، އެކުގައި، މާލެ ތަރައްގީ ކުރުމުގައި އެންމެންގެ ބައިވެރިވުން މުހިންމު ކަމަށާއި، މީގެ ތެރޭގައި ޒުވާނުން ބާރުވެރި ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ އަންހެނުން ބާރުވެރި ކުރުވައި، ގްރޭޓަރ މާލެ ސަރަހައްދުގެ ކަނޑު، ފަޅާއި ފަރުތަކުން ފުރިހަމަ ނަފާ ހޯދަން މަސައްކަތްކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން