ފޮޓޯ: މެގަ ޓްރޮން ޓްވިޓާ ހޭންޑްލް
ފޮޓޯ: މެގަ ޓްރޮން ޓްވިޓާ ހޭންޑްލް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރި އިޒްރޭލުގެ ބޯޓަކަށް ހަމަލާ ދީފި ކަަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރާއްޖެ ސަރަހައްދުން އިޒްރޭލަށް ދަތުރުކުރަމުން ދިޔަ ތެޔޮ އުފުލާ ބޯޓަށް ދިން ޑްރޯން ހަމަލާގައި ބޯޓަށް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް މީސް މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ.



އޮފިޝަލަކާއި ހަވާލާދީ އުރުދުންގެ މީޑިއާއަކުން ރިޕޯޓް ކުރި ގޮތުގައި، އިސްރާއީލަށް ނިސްބަތްވާ ދެ ތެޔޮ ޓޭންކަރަކަށް، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ހުޅަނގާއި ހުޅަނގު އުތުރުން ޑްރޯން ހަމަލާތައް އަމާޒުކޮށްފައި ވާކަމަށެވެ. އެހެން ނަމަވެސް، އެކަމުގައި އެއްވެސް ފަރާތަކުން މިހާތަނަށް ޒިންމާ ނަގާފައެއް ނުވެއެވެ.

މި ދެ ތެޔޮ ޓޭންކަރު ދަތުރުކުރަން އުޅުނީ ބާބު އަލްމަންދަބް ސްޓްރެއިޓް އާއި ރަތް ކަނޑުގެ ތެރެއިން ކަމަށް ރިޕޯޓްގައި ބުނެއެވެ.

ޔަމަނުގެ ހޫތީން ވަނީ އިޒްރޭލުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓަންދެން ރަތް ކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ ބޯޓުތަކާއި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް މި ދެ ތެޔޮ ޓޭންކަރަށް އަމާޒުކޮށް ހަމަލާދީފައި ވަނީ ބާބު އަލް މަންދަބް ސްޓްރޭޓް އާއި 2000 ކިލޯމީޓަރު ދުރުންނެވެ. އިތުރު ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި އެ ދެ ބޯޓަށް ވެސް މިސްރާބު ބަދަލުކުރަން މަޖުބޫރުވި ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

އިސްރާއީލުގެ އޮފިޝަލުން އެކި ސަބަބުތަކާ ހުރެ މި ޚަބަރު ކަށަވަރުކޮށްދިނުމަށް ނުވަތަ ދޮގުކުރަން ވެސް ބޭނުން ނުވާ ކަމަށް އުރުދުންގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖޭގެ ދިފާއި ބާރުގެ އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން