ސަރުކާރާއި އިދިކޮޅު މޭޔަރަކު ހޮވައިފިނަމަ މާލޭގެ ރައްޔިތުން އަނެއްކާވެސް ތަޖުރިބާ ކުރަންޖެހޭނީ ކަންކަން ނުވެދާ ދުވަސްތައް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ތަރައްގީ ކުރަން ބޭނުންފުޅުވަނީ މާލޭ ސިޓީ ކައުންސިލުގެ ތެރެއިން ކަމަށެވެ. އެގޮތުން ލާ މަރުކަޒީ ނިޒާމްގެ ތެރެއިން ކަންކަން ކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރަށް ޖެއްސުންކޮށް، ޕާޓީން އެދޭގޮތަށް ސަރުކާރަށް އުނދަގޫކުރާ ކެންޑިޑޭޓަކު ހޮވައިގެން ލިބެން އޮތް ކުރިއެރުންތައް އަނެއްކާ ވެސް މަޑުޖެހުމުގެ ފުރުސަަތު އޮންނާނެކަމަށެވެ.

"ސަރުކާރަށް ޖެއްސުންކުރަން ނޫނިއްޔާ ސަރުކާރާ އެކީގައި މަސައްކަތްކުރުމުގެ ވިސްނުން ނެތް ޕާޓީއަކުން މީހަކު ހޮވައިފިއްޔާ ކިހިނެއްތޯ ވާނީ؟ އަނެއްކާ މާލޭގެ ރައްޔިތުން ތަކުރާރު ކުރަންޖެހޭނީ ކަންކަން ނުވެދާ ދުވަސްތައް. އަޅުގަނޑު ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މިހާރު މި އޮތް ސިޓީ ކައުންސިލަށް ބޮޑެތި ބައެއް ކަންކަން ނުކުރެވި ހުރީ، މާލޭގެ ކައުންސިލްގެ ފިކުރާ ތަފާތު ސަރުކާރެއް އޮވެ، ކައުންސިލަށް ޖެއްސުންކުރުމުގެ ކަންކަން ކުރަމުން އައުމުން ކަމަށެވެ. އެހެން ނަމަވެސް މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ހަމައަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި، ސިޓީ ކައުންސިލުން އެކުލަވައިލި ޕްލޭނާ އެއްގޮތަށް، ކައުންސިލަށް އަމިއްލައަަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން އެއްބާރުލުން ނުދީގެން ސިޓީ ކައުންސިލަށް ނުވެ ބޮޑެތި ކަންތައްތައް ހުރި ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލްގެ ލޭންޑު ޔޫސް ޕުލޭން ވެސް ސަރުކާރުން ފާސްކޮށް ނުދިން ކަމަށް ރައީސް ވިދާޅުވިއެެވެ.

"ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ކައުންސިލުން މާލެ އާއި ވިލިމާލޭގައި ފުލެޓް ތަކެއް އެޅުމަށްޓަކައި ހުރިހާ ކަމެއް ނިންމިން، އެހެން ނަމަވެސް ސަރުކާރުން ދެއްވަންޖެހޭ އެއްބާރުލުން ނުދެއްވި. ނުދެއްވީމަ އެ ފުލެޓްތައް އެހެރީ ނޭޅި ސިނަމާލެ ސަރަހައްދާއި ވިލިނގިލީގައި އަޅަންޖެހޭ ފުލެޓްތައް އެތަންތަން އެހެރީ ނޭޅި، މާލޭގެ ދެވަނައަށް އެންމެ ބޮޑު މައްސަލައަކީ މަގުތަކާއި ގުޅޭ މައްސަލަ. މަގު ހަދަމުންދަނިކޮށް އެ މަޝްރޫއު އަތުލީ، ޕާކިންގެ މައްސަލަ އަކީ މަގުތަކާއި ގުޅޭ ވަރަށް ބޮޑު މައްސަލަައެއް. އެމަަައްސަލަ ހައްލުކުރަން ޕާކިން އިމާރާތްތަކެއް ސަރުކާރަށް އެއްވެސް އުދަނގުލެއް ނުޖެހި އިންވެސްޓަރުން ހޯދައިގެން ކުރަން ނިންމައިގެން ހައެއްކަ ސަރަހައްދުގައި އަޅަން ނިންމަން ހުރިހާ ކަމެއް ނިންމި. ރެޑީކުރިން އެކަމަކު ސަރުކާރުން ދޭންޖެހޭ ހުއްދަ ނުލިބިގެން އެކަންވެސް ނުވީ، މަސްމާރުކޭޓަށް ވީ އެހެން، ހުރިހާ ކަމެއް ނިންމިން އެކަން ކުރަން، އެމަޝްރޫއު ވެސް ކުރިއަކަށް ނުގެންދެވުނު." މޭޔަރު ކަމުގައި ހުންނެވިއިރު މަޝްރޫއުތައް ހިންގުމުގައި ކުރިމަތިވި ބައެއް ދަތިތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން އެއްބާރުލުން ނުދީގެން ސިޓީ ކައުންސިލަށް ނުވެ ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ސަރުކާރު އޮތީ މާލޭގެ ގެދޮރު މައްސަލަ އާއި ޕާކިން މަައްސަލަ އާއި މަސްމާރުކޭޓް މަޝްރޫއާ ހިންގަން ފުރުސަތުދީ އޭރު ހިފަހައްޓައި އޮބިއަޅުވައިފައި އޮތް ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ދޭން ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓަކު ހޮވައިގެން މާލެ ތަރައްގީކުރެެވެން އެބައޮތް ކަމަށެެވެ. އެހެން ނަމަވެސް ސަރުކާރަށް ޖެއްސުން ކުރާނެ އިދިކޮޅު ޕާޓީއަކުން މާލޭ މޭޔަރުކަމަށް ކެންޑިޑޭޓަކު ހޮވައިފިނަމަ ހުރަސް އެޅޭނީ މާލޭގެ ތަރައްގީއަށް ކަމަށާއި އެއީ ކުރުން ބުއްދިވެރި ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން