ނިޒާމު ފުނޑުފުނޑުކޮށްލަން އެމްޑީޕީން ކުރާ މަސައްކަތަކަށް ޑިމޮކްރެޓްސްގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން އެހީތެރި ވެދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެެ.

ވެރިކަން ކުރާ މައިޕާޓީ ކޮންގުރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗު ކުުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުން ބޭނުން ވަނީ ގައުމާއި ރައްޔިތުންނަށް ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ދެކި ހަމައެކަނި އެ ޕާޓީގެ ސިޔާސީ އެޖެންޑާ ހާސިލު ކުރުމަށް ކަމަށެވެ.

އެގޮތުން އެފަދަ އެންމެ ރަނގަޅު މިސާލެއް މިހާރު ފެންނަން އޮތީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ސަރުކާރުން އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރަމުންދާއިރު މަޖިލީސް މެޖޯރިޓީ އޮތް ޕާޓީއާ ބައެއް އެހެން ޕާޓީތަކުން ޑިމޮކްރެސީގެ ރީތި މިސާލެއް ނުދައްކާ ކަމަށް ވިދާޅުވެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް މަޖިލީހަށް ފާޑުވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ކުއްލި ބަދަލުތަކެއް ގެނެސް ރައީސާއި ނައިބު ރައީސް އަޒުލު ކުރެވޭ ގޮތް ފަސޭހަ ކުރުމާއި ވަޒީރުންނަށް ރުހުން ނުދީ ދިގު ދަންމާލި މައްސަލަ އާއި މި ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއު 2024 ގެ ބަޖެޓުން އުނި ކުރުން ފަދަ ކަންކަމަށް އިޝާރަތް ކުރަށްވައި ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެމްޑީޕީ އަތުގައި މެޖޯރިޓީ އޮތުމުން ކުރަމުން ގެންދަނީ ނިޒާމު ފުނޑުފުނޑުކޮށްލުމުގެ މަސައްކަތްތަކެއް ކަމަށެވެ. އެކަން ކުރަނީ ދެ ޕާޓީއެއް ގުޅިގެން ނުވަތަ އެހެން ޕާޓީއެއްގެ ލީޑާޝިޕްގެ ބޮޑު ސަޕޯޓެއް އޮވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. ވަކި ޕާޓީއެއްގެ ނަން ރައީސް ސީދާކޮށް ވިދާޅުނުވި ނަމަވެސް އެމަނިކުފާނު ގެ ވާހަކަފުޅު އަމާޒު ވަނީ ދަ ޑިމޮކްރެޓްސް އަށެވެ.

"އެކަމަކު އަތުގައި މެޖޯރިޓީ އޮތީމާ އަދި ދެން އޮތް ޕާޓީއާ ވެސް ގުޅިގެން.. ދެ ޕާޓީ ގުޅިގެން، އެންމެން އެއްކޮށެއް ނޫން، ދެ ޕާޓީގެ ވެސް ވަރަށް ގިނަ އެމްޕީސް އެއްވެގެން، ހުރިހާ ބޭފުޅުންނެއް ނޫން، އެހެން ނަމަވެސް ލީޑާޝިޕް އޭގައި ވަރަށް ބޮޑު ސަޕޯޓެއް ދީގެން ނިޒާމު ފުނޑުފުނޑުކޮށްލަން މަސައްކަތް މި ކުރަނީ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން