ރައްޔިތުންގެ މަޖިލިސް މިސާލަކަށް ބަލައިގެން "ރިސްކެއް" ނުނަގައި ޕީޕީއެމް/ ޕީއެންސީގެ ޓިކެޓުގައި ވާދަކުރަށްވާ އައިޝަތު އާޒިމާ ޝަކޫރު މާލޭގެ މޭޔަރު ކަމަށް ހޮވައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައިޕާޓީ، ކޮންގުރެސް ޕާޓީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިންގައި ވިލިމާލެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. ވިލިމާލޭގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއާއި ވާދަވެރި ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަންކަން ކުރަމުންދާ ގޮތް ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ. އެހެންކަމުން ސަރުކާރާ އިދިކޮޅު ކެންޑިޑޭޓަކު މޭޔަރު ކަމަށް ގެނައުމުގެ "ރިސްކު" ރައްޔިތުން ނުނެގުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ފަހިވުމުގެ ހުރިހާ މަރުހަލާތަކެއް ކަޑައްތުވެ، އެކަމުގެ ފުރިހަމަ އެއްބާރުލުން ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އެގޮތުން މޭޔަރު ކަމަށް އާޒިމާ ހޮވައިފިނަމަ ވިލިމާލޭގެ ރައްޔިތުން އެދޭ ހުރިހާ ކަމެއް ފުރިހަމަ ވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފިކުރުގައި ނެތް އެހެން ޕާޓީއެއްގެ މޭޔަރަކު ހޮވައިފިނަމަ މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުން ވިޔަސް އެ ބޭފުޅަކު އެ ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭނގޭނެ ކަމަށެވެ. އަދި އެއީ ސިޔާސީ ޕާޓީ ނިޒާމުގައި އެކަން އޮންނަން ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އާޒިމާ ހޮއްވަވައި ދެއްވީމާ ވަރަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެ، މި ރަށުގައި [ވިލިމާލޭގަ] ކުރަން ހުރި ހުރިހާ ކަމެއް ހަމަޖެހިގެންދާނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން