ރާއްޖެ ކަނޑުގައި ދަތުރުކުރި އެއްވެސް ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިފަދައިން ބުނެފައިވަނީ ރޭ ދަންވަރު މީސް މީޑިއާގައި ދައުރުކުރި ޚަބަރަކާއި ގުޅުވައިގެން ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ޚަބަރަކާއި ގުޅިގެންނެވެ. އެހެން ނަމަވެސް، އެ ޚަބަރުގައިވާ ފޮޓޯ އަދި މައުލޫމާތަކީ ވަރަށް ކުރީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ވަރަށް ދުރުން ހިނގާފައިވާ ކަމެއްގެ މައްޗަށް ލިޔެފައިވާ ދޮގު ޚަބަރެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ޚަބަރުގައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކައިރިން ދަތުރުކުރި އިޒްރޭލުގެ ތެޔޮ ޓޭންކަރުތަކަށް ކާކުކަން ނޭނގޭ ބަޔަކު ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެކަމާއި ގުޅޭގޮތުން އިޒްރޭލު ސަރުކާރުންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ އެއީ ދޮގު ޚަބަރަކަށްވިޔަސް، އެމްއެންޑީއެފުން އެކަން އިތުރަށް ބަލަމުންދާނެ ކަމަށެވެ.

"މިފަދަ ހާދިސާއެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވޭ. އަދި މިހާތަނަށް ބެލިބެލުމުން މިޚަބަރުގައިވާ ބަައެއް މަޢުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުންބޭރުން ވަރަށް ދުރުން ހިނގާފައިވާ ހާދިސާތަކުގެ މަޢުލޫމާތާއި ފޮޓޯކަން އެނގިފައިވާތީއާއި، މިފަދަ ކަމެއް ރާއްޖެއާއ ކައިރިން ހިންގިކަމުގެ އެއްވެސް އިންޑިކޭޝަނެއް ފެންނަން ނެތުމާއި، މަޢުލޫމާތު ހިއްސާ ކުރާ ސަރަހައްދީ އިދާރާތަކަށްވެސް އެފަދަ ރިޕޯޓެއް ލިބިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާތީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި ނުވަތަ ކަނޑުގެ ސަރަހައްދާއި ކައިރިން އެފަދަ ޙާދިސާއެއް ހިނގިކަމަށް ފަތުރާ ޚަބަރަކީ ޞައްޙަ ޚަބަރެއްނޫންކަމަށް ބެލެވޭ. އަދިވެސް މިކަން އިތުރަށް ބަލަމުން އަންނަ ވާހަކަ ދަަންނަވަން." އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މި ޚަބަރު ރިޕޯޓްކޮށްފައިވާ އުރުދުންގެ ނޫސް "ޖޯޑާން ނިއުސް" އިން ވެސް ވަނީ މިހާރު އެ ޚަބަރު ޑިލީޓްކޮށްފައެވެ. އެ ނޫހުން ވަނީ އެކަމާއި ގުޅޭގޮތުން އިޒްރޭލު ސަރުކާރުގެ އެއްވެސް ބަހެއް ލިބިފައިނުވާ ކަމަށްވެސް ރިޕޯޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން