ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ކުރުން އޮތީ ކިހާ ހިސާބެއްގައިތޯއޭ ވިދާޅުވެ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސުވާލު ކުރައްވައިފިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިިނިވަންކުރެއްވުމަކީ ރައިސް މުޢިއްޒު ވެރިކަމަށް ވަޑައިގަންނަވަން ކުރެއްވި އެންމެ ބޮޑު ވައުދުކަމަށް ޖަމީލު އެމަނިކުފާނަށް މިއަދު ވަނީ ހަނދާންކޮށްދެއްވައިފައެވެ. އަދި އެކަމުގެ ޒިންމާ ނުއުފުލައްވާއިރު އެމަނިކުފާނަށް އިތުބާރު ކުރެވޭނީ ކިހިނެއް ކަމާއި ދޭތެރޭވެސް ޖަމީލު ސުވާލު އުފައްދަވާފައި ވެއެވެ.



އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ރިޔާސީ އިންތިޚާބުގެ ދެވަނު ބުރުގެ ނަތީޖާއަށްފަހު 1 އޮކްޓޫބަރުގައި އެމަނިކުފާނު ގޭ ބަންދަށް ވަނީ ބަދަލުކޮށްފައެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް މިހާރު އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގައެވެ. ނަމަވެސް އެ މައްސަލައިގައި ގޮތް ނުނިންމައި ހައި ކޯޓް ވަނީ ރިސެސްއަށް ގޮސްފައެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ވެރިކަމާ ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ކުރައްވާނެ އެއް މަސައްކަތަކީ ގާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކަމަށެވެ. އެމަނިކުފާނު ވެރިކަމުގެ ހުވައި ނުކުރައްވަނީސް ރައީސް ޔާމީން ވަނީ ޖަލު ބަންދުން ގޭބަންދަށް ބަދަލު ކޮށްފައެވެ. އަދި ވެރިކަމުގެ ހުވާކުރެއްވި ދުވަހު ވަނީ އެވަގުތުން ފެށިގެން ސަރުކާރުން ޝަރުޢީދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނަކަށް ގެންނަވައި ޝަރުޢީ މަރުހަލާގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރުމަށް މަގުފަހިކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން