ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރެވޭނީ ކަންކަން ހުއްޓުވައި ކަންކަމަށް ހުރަސް ނާޅާނެ މޭޔަރަކު މާލޭ ސިޓީ ކައުންސިލަށް އިންތިހާބު ކޮށްގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހޮނިހިރު ދުވަހު ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނީ އެކަންކަމަށް ހުރަސް ނާޅާނެ މޭޔަރުންނާއި ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށެވެ. ރައީސް ވިދާޅުވީ އެހެން ޕާޓީ ލައިނަކުން އަންނަ ކެންޑިޑޭޓުންނަށް މިވަގުތު ކަންކަން ނިންމުމުގެ ބާރު ރައްޔިތުން ދީފިނަމަ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް ހުރަސްއެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ޕީއެންސީގެ ކެންޑިޑޭޓު މޭޔަރު ކަމަށް އިންތިހާބުކޮށްފިނަމަ ސަރުކާރުން ކުރަން ބޭނުންވާ ކަންކަމަށް އެއްވެސް ހިފެހެއްޓުމެއް ނާންނާނެ ކަމަށާއި ބާރު ސްޕީޑްގައި މާލޭ ސިޓީއަށް ތަރައްގީ އަންނާނެ ކަމަަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނީ ހުއްޓުމެއް ނުގެނެސް ހިފެހެއްޓުމެއް ހުރަސް އެޅުމެއް ނެތި ކަންކަން ކުރެވޭނެ ފަދަ ބޭފުޅުން ރައްޔިތުން ހޮއްވަވައިގެން، ހުރިހާ މީހުން މިތިބީ އެއް ޕާޓީއަކުން ނޫން، އަޅުގަނޑުމެންގެ މިހުރީ އެއް ކެންޑިޑޭޓް މޭޔަރެއްގެ ގޮތުގައި ދެން އެހެން ޕާޓީތަކުން އެހެން ކެންޑިޑޭޓުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ އަމަލާއި ބަސް މިހާރު ހުރި ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އަދި އެ ޕާޓީތަކުން މަޖިލިސް ތެރެއިން ވެސް ކަންކަން ކުރަނީ ޑިމޮކްރެސީ އާއި ގާނޫނާ ވެސް ހިލާފަށް ކަމަށާއި އަމަލުކުރަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެހެން ގެންދާ ޕާޓީތަކެއްގެ ތެރެއިން އެ ޕާޓީ ލައިނުން އަންނަ ކެންޑިޑޭޓަކަށް ތިބޭފުޅުންގެ ކަންކަން ނިންމުމުގެ ބާރު ދިނުމަކީ ބުއްދިވެރި ކަމަކަށް ނުވާނެ، އޭރުން ވާނެ ގޮތަކީ އެޕާޓީ ލައިނުން އައިސްފާނެ ސަރުކާރުން ރައްޔިތުންނަށްޓަކައި މިދެންނެވި ކަންކަން ހިފެހެއްޓުމަށް އަންނަ އެންގުންތައް މޭޔަރުގެ މައްޗަށް. ދެން އެ އައިސިއްޔާ އެ އަންނަނީ ހިފެހެއްޓުމެއް މަޑުޖެހުމެއް. އެއީ ތިބޭފުޅުން ވެސް އަޅުގަނޑު ވެސް ބޭނުންވާ ގޮތެއް ނޫން." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން