ޤައުމުތަކުގެ ވެރިންނަށް އިޚުތިރާމް ކުޑަކުރާ ދައުލަތުގެ އޮފިޝަލުންނާއި ދޭތެރޭ ފިޔަވަޅު އެޅުއްވުމަށް ރައްޔިތުންގެ މަޖިލީޙުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން ފާރިސް މިފަދައިން ގޮވާލެއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއަށް ނިސްބަތްކުރައްވައި ދިވެހި ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވަމުން ގެންދަވާ ބައެއް ބޭފުޅުން މީސް މިޑީއާގައި ދައްކަވާފައިވާ ވާހަކަތަކަށް އިޝާރާތްކުރައްވައެވެ.

ވަރަށް ފަހުން މޯދީ ވަނީ އިންޑިއާގެ ލަކްޝްވާދީޕް ސަރަހައްދުގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފައްޓަވާފައެވެ. ލަކްޝްވާދީޕް ސަރަހައްދުގައި ދިވެހި ބަހުން ވާހަކަދައްކާ އުޅޭ މަލިކުގެ ރަށް ވެސް ހިމެނެއެވެ. އެ ކެމްޕޭނަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މޯދީ ކުރިމަތިކުރައްވާ ގޮންޖެހުމެއްގެ ގޮތުގައި އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ސިފަކޮށް ފައެވެ.

އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާގައި މިކަމާ ގުޅުވައިގެން ދައްކާފައިވާ ވާހަކަތަކަށް މީސް މީޑިއާގައި ބައެއް ދިވެހިން އަންނަނީ ރައްދުދެމުބްނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މަޤާމްތައް ފުރުއްވަމުން ގެންދަވާ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެހެން ކަމުން، އިންޑިއާގެ ބައެއް މީޑިއާތަކުގައި ވަނީ އެކަން ފާހަގަވެސް ކޮށްފައެވެ.

"ސަރުކާރުގެ އޮފިޝަލުންނާއިމެދު، ފިޔަވަޅެއް ނާޅައިފި ނަމަ، އެފަދަ އިޙްތިރާމް ކުޑަ ވާހަކަތަކަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ވާހަކަތަކެއް ކަމަށް މާނަކުރެވޭނެ ޖާގަ އެބައޮތެވެ." ފާރިސް ވިދާޅުވެފައި ވެއެވެ.

ފާރިސްގެ ވާހަކައަށް ތާއީދުކުރައްވާ ބައެއް ޢާންމުން ވަނީ ދިވެހި ސަރުކާރުގެ މަޤާމުތައް ފުރުއްވާ ބޭފުޅުން ޤައުމުތަކުގެ އިސްވެރިންނަށް އިޚުތިރާމް ކުޑަވާގޮތަކަށް ވާހަކަދެއްކެވުން ރަނގަޅު ނޫން ކަމުގައި ބުނެ ޚިޔާލު ފާޅުކޮށްފައެވެ.

ބޮޑުވަޒީރު މޯދީ ކުޅުއްވާފައިވާ އެއިސްތިހާރަށް ޖޯކު ޖަހައި އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަށް ބުރޫއަރާފަދަ ނާތަހުޒީބު އިބާރާތްތައް ބޭނުންކޮށް ސަރުކާރުގެ އިސް ބައެއް ވެރިން ފާޑުކިޔަމުންދާ މައްސަލަ އިންޑިއާގެ މީޑިއާތަކުން ފެންމަތިކޮށްފައިވާއިރު މިމައްސަލައިގައި ރާއްޖޭގެ ޚާރިޖީ ވަޒީރާއި ސަރުކާރުން ރަސްމީކޮށް މައާފަށް އެދެން ޖެހޭނެކަން ވެސް ބައެއް މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން