ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ހޯދުމަށްޓަކައި އެކަކަށް ވުރެ ގިނަ މީހުންނަށް ވެސް ހުށަހެޅޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

މިހާތަނަށް ސިޔާސީ ޕާޓީގެ ޤަވާއިދު އޮތް ގޮތުންނަމަ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެވޭނީ އެންމެ މީހަކަށެވެ.

އިލެކްޝަންސް ކޮމިޝަން، އީސީން މިކަން ހާމަކުރީ މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޤަވާއިދު އިސްލާހު ކުރެވިފައި ނެތުމުން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން އީސީއަށް ލިބެމުންދިޔަ ކަމަށެވެ. އެހެންކަމުން، އީސީގެ މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާއަކަށްފަހު ޤަވާއިދު އިސްލާހު ކުރަން ނިންމެވި ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ޤަވާއިދަށް ގެނެވުނު އިސްލާހާއެކު ޕާޓީ އުފައްދަން ބޭނުންވާ މީހުންގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއި ޕާޓީ އުފެއްދުމަށް އެދޭ ފޯމުގެ އިތުރަށް ކުށުގެ ރިކޯޑު ފޯމު ހުށަހަޅަންޖެހޭނެ ކަމަށް އީސީއިން މަޢުލޫމާތުދީފައި ވެއެވެ.

މީގެ އިތުރުން ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭތާ ހަތް ދުވަސް ތެރޭގައި އެ ހުއްދަ ލިޔުމުން ދޭން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް، ކުރިއެކޭވެސް އެއްގޮތަށް އަލަށް އުފައްދާ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ އެޕާޓީގެ މެންބަރަކަށް ވާން އެދޭ 3000 މީހުންގެ ސޮއި ހަމަވެގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން