އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަކި މައްސަލަތަކެއް ބަލާފައި އެހެން ބައެއް ކަންތައް ނުބަލާތީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެކަމާއި ސުވާލު އުފައްދަވައިފިއެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ސަނީފް ވިދާޅުވީ ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓްތަކުގެ މައްސަލަ ބަލަން އޭސީސީއިން ފަސްނުޖެހުނު ކަމަށެވެ. އެހެން ނަމަވެސް، އެމްޑީޕީގެ ސްލޮޓްގައި މަޖިލީހަށް ހޮވިވަޑައިގަތް 13 މެންބަރުން އެއްފަހަރާ ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީއަށް ބަދަލުވީމާ، އެކަމުގެ ހަގީގަތް ބަލަން އޭސީސީން ވިސްނާފައި ނުވާ ކަމާއި ދޭތެރޭ އާންމެ ރައްޔިތުންވެސް ސުވާލު އުފައްދަވާ ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީން ޕީއެންސީއަށް ބަދަލުވެވަޑައިގަތް ބައެއް މެންބަރުން އެޕާޓީއާއި ގުޅުނީ ރިޝްވަތު ނަންގަވައިގެން ކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަނީ ތުހުމަތު ކުރައްވާފައެވެ. އެހެން ކަމުން، ވަކި ވަކި މައްސަލަތައް ބައްލަވާއިރުގައި ޢާންމުންގެ އެފަދަ ތުހުމަތުތަކަށް އޭސީސީން އަޅާލުން ކުޑަކުރުމުން އެކޮމިޝަންގެ އިތުބާރު ގެއްލޭ ކަމަށް ސަނީފް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތަށް އަރާ އޭސީސީން އޮތީ ކޮރަޕްޝަނުގައި ނުޖެހިބާއޭ؟" ސަނީފް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ އެމީހަކު ތާއީދުކުރައްވާ ފިކުރެއް ބަދަލުވުމަކީ އެއީ އެމީހެއްގެ ޙައްޤެއް ކަމަށެވެ. އެހެން ނަމަވެސް، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ފިކުރެއްގެ މެންބަރަކު މަޖިލީހުގެ ދައުރު ނުނިމެނީސް އެހެން ޕާޓީއަކަށް ބަދަލުވުމަކީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުން އެކަން ބަދަލުކުރަން ތާއީދުކުރައްވާ ކަަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން