ބޭރު ގައުމުތަކުގެ ވެރިންނަށް މަލާމާތްކޮށް، އެ ބޭފުޅުންނަށް އިހްތިރާމް ކުޑަވާ ގޮތަށް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ބޭފުޅުންނާ މެދުގައި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެބަޔާނުގައި ބުނީ އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމަށާއި އެއީ އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށެވެ.

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކުގައި ނަފްރަތާއި، ނުރަނގަޅު އަސަރު ނުކުރާނެހެން ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށް ބަޔާނުގައިވެއެވެ.

"އިހްތިރާމް ކުޑަވާ ފަދަ ގޮތަކަށް އެ ވާހަކަތައް ދެއްކުމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ،" ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.

ސަރުކާރުން މިފަދަ ބަޔާނެއް ނެރެފައިމިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ޒިޔާރަތެއްގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ގޮތުން އާންމުކުރެއްވި ވީޑިއޯ އަކާއި ގުޅިގެން މީސްމީޑިއާގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކާއެކު ދެފަރާތުގެ ބައެއް އާންމުންނާއި މީސް މީޑިއާގައި ނުފޫޒުގަދަ ބައެއް މީހުންގެ މެދުގައި ބޮޑު ކޯޅުންގަނޑެއްފެށިފައި ވަނިކޮށެވެ. މި ބަހުސްގައި ބައިވެރިވެ ފާޑު ވިދާޅުވި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވަނީ ބޮޑުވަޒީރު މޯދީއަށް ނިސްބަތްވާ ގޮތަށް ބޭއަދަބީ ބަސްތައް ބޭނުން ކުރައްވައިގެން ފާޑުވިދާޅުވެފައެެވެ.

އެގޮތުން އިންޑިއާގެ ބައެއް މީހުން އެ ވީޑިއޯ އާއެކު ބުނެފައިވަނީ މޯދީގެ އެ ވީޑިއޯ އަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި ގައުމުގައި ތިބެގެން ވެސް ރާއްޖޭގެ ރީތިކަން ތަޖުރިބާ ކުރެވޭނެކަން ރައްޔިތުންނަށް އަންގަވައިދެއްވަން އާންމު ކުރެއްވި ވީޑިއޯ އެއް ކަމަށެވެ. އެ ވީޑިއޯ އާއި ގުޅިގެން ޒުވާނުންނާ ބެހޭ ވުޒާރާގައި ނައިބުންނަށް ތިއްބަވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ވެސް އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތް ރައްދުވާގޮތަށް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އެ ބޭފުޅުންނަށާއި ސަރުކާރަށް އަމާޒުވެގެންދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން