ހުވަދޫއަތޮޅު ތިނަދޫގެ އާބާދީ ގިނަކުރުމަށް އެރަށުގެ ރައްވެހިކަންދޫކޮށް އެހެންރަށަކަށް ބަދަލުވާ ފަރާތްތަކުގެ އަތުން 5000 ރުފިޔާ ނަގަން ފަށައިފި އެވެ.

މިއަދު ތިނަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ވާގޮތުން މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި މި ގަވާއިދު ވަނީ ފާސްކޮއްފައެ އެވެ. އަދި މިއަދުން ފެށިގެން ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކުރާ ފަރާތްތަކުގެ އަތުން 5000 ރުފިޔާގެ ފީއެއް ނަގަންފަށާނެ އެވެ.

ތިނަދޭ ކައުންސިލުން ބުނި ގޮތުގައި ނަގާ ފީއަކީ ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ޚިދުމަތުގެ އިދާރީފީއެއް ކަމަށެވެ. އަދި މި މަސައްކަތް ފަށާފައިވަނީ ތިނަދޫ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

މީގެއިތުރުން ތިނަދޫ ރަށްވެހިކަން ދޫކޮށް ތިނަދޫ ރަށްވެހިން އެހެން ރަށްރަށަށް ބަދަލުވުމަކީ ތިނަދޫ ސިޓީގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރު ކުރާ ކަމެއްކަމަށް ފާހަގަ ކުރެވޭކަމަށްވެސް ކައުންސިލުން ބުނެ އެވެ.

މިހާރު އާބާދީގައި 6000 މީހުން ދިރިއުޅޭ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 30ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން