ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި ގިސާސްގެ ހުކުމް ސަސްޕެންޑްކޮށްގެން އެއްވެސް ކަމެއް ހައްލުވިތޯއޭ ވިދާޅު މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް ޢަލީ ޒައިދު ސުވާލު އުފައްދަވައިފިއެވެ.

ޒައިދު މިހެން ވިދާޅުވީ ގިސާސްގެ ހުކުމް ތަންފީޒުކުރުމާއި ދެކޮޅަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރަށާވައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި އާންމުންގެ ތާއީދު ހޯދުމަށް އެފަދަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ އެއްވެސް ސަބަބަކާހުރެ ކީރިތި ޤުރުއާންގައި ސަރީހަ ނައްސުން ސާބިތުވާ ހުކުމެއްގެ ބާރު ކަނޑުވާލަން ވަކާލާތު ކުރުމަކީ އެއްވެސް މުސްލިމަކު ކުރާނެ ކަމެއް ނޫން ކަމަށެވެ. ވޭތުވެދިޔަ ތަނުގައި ގިސާސްގެ ހުކުމް ސަސްޕެންޑް ކޮށްފައި އޮތުމުން އެއްވެސް ކަމެއް ހައްލުވިތޯއޭ ވިދާޅުވެ ޒައިދު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މާތް ﷲގެ ހުކުމްފުޅު މާ ފުރިހަމަ ކަމަށް ޒައިދު ވިދާޅުވިއެވެ.



ރައީސް މައުމޫން ގިސާސް ހިފުމާއި ދެކޮޅަށް ވާހަަކަފުޅު ދައްކަވާފައިމި ވަނީ ޑްރަގު އެތެރެ ކުރުން ފަދަ ބޮޑެތި ކުށްތަކަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް އާޒިމާ ޝަކޫރު ރޭ ވާހަކަ ދައްކަވާފައިވަނިކޮށެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ސަރުކާރެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ދީނީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ރާއްޖޭގައި އުފެދުނު އެންމެ ފުންނާބު އުސް ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫނަކީ ރާއްޖޭގައި މަރުގެ އަދަބު ދިނުމާއި ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން