ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިން ލޯނު ސްކީމްތައް މާޗު މަހުގެ ނިޔަލަށް އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ އެއް މަސައްކަތް ކަމަށެވެ. ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ޓްރަސްޓް ފަންޑެއް ޤާއިމްކުރުމާއި ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ލުއި ލޯން ސްކީމެއް ފެށުމާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވީ ލޯންތަކަށް ނަގާ އިންޓްރެސްޓު ރޭޓު ފަސް އިންސައްތައްއަށްވުރެ މަތި ނުވާނެ ކަމަށެވެ. އަދި މިކަމަށް ގޮތްތަކެއް ކަނޑައަޅަން ޖެހޭތީ ބައެއް ކަންކަމަށް ރިއާޔަތްކޮށް އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަމަށް މި ސަރުކާރުން ތައާރަފްކުރަން ނިންމާފައިވާ ލޯން ސްކީމްތަކާއި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ހަފްތާ 14ގައި ހުރި ކަންކަމާއި އަލަށް ޤާއިމްކުރާ ޑިވެލޮޕްމަންޓް ބެންކާއި މިހާރު ހުރި ބޭންކިން ނިޒާމްގެ ތެރެއިން ސޯޝަލް ހައުސިން ލޯންތަކެއް ތައާރަފްކުރެވޭނެ ގޮތްތަކެއް ދެނެގަނެ މަޝްވަރާކުރުމަށް ނިންމާފައިވާކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އިކޮނޮމިކް ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންގޮސް، 100 ދުވަސް ހަމަވުމުގެ ކުރިން ސަރުކާރުން ކަނޑައަޅާފައިވާ ލޯނު ސްކީމްތައް އެކުލަވާލާ، މިކަންކަން ފާސްކުރުމަށް ވަޒީރުންގެ މަޖިލީހަށް އަދި އިތުރަށް ގެނައުމަށް ނިންމާފައިވާކަމަށެވެ. ނާޒިމް ވިދާޅުވީ ސަރުކާރުން އެކުލަވާލާ ލުއި ލޯނު ސްކީމްގައި ހަދަން ފަށާފައި ނުނިމި ހުރި ގެތައް ނިންމުމަށް ހާއްސަ ލޯނު ސްކީމެއް ހިމެނޭނެ ކަމަށެވެ. އަދި ރިސޯޓު މުވައްޒަފުންނަށް ހާއްސަ ސޯޝަލް ހައުސިން ކެޓަގަރީއެއް ކަނޑައެޅުމާއި ގުޅޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން