ގަދަބާރުން ހިފާ ނަގައި ގެންގޮސް ތަނަކަށް ލާ އުސޫލުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ނުބޭލޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ އިންޑިޔާ ސިފައިން ގަދަބާރުން ހިފާ ނަގައި ގެންގޮސް ތަނަކަށް ލާ އުސޫލުން އިންޑިޔާ ސިފައިން ރާއްޖެއިން ނުބޭލޭނެ ކަމަށެވެ. އަދި ސަރުކާރުން އެކަން ކުރަމުންދަނީ ޑިޕްލޮމަސީގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށްކުރާ މަސައްކަތަކީ ގައުމީ ޖިހާދެއް ކަމަށެވެ. ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ތިބީ ސަރުކާރުގެ ރުހުމުގައިތޯ ނުވަތަ ނުރުހުމުގައިތޯ އެއީ މިވަގުތަށް މުހިންމު ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހި ރައްޔިތުން އެދޭ އަދި ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލެވެންދެން އެ ސިޔާސަތު ސަރުކާރުން ތަންފީޒު ކުރާނެ ކަމަަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މި މަހުގެ ދެވަނަ ދުވަހު އިންޑިއާގެ ސަފީރާއެކު ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް ބައްދަލުކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އިތުރު ބައްދަލުވުމެއް މި މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި 88 އަށް އިންޑިޔާ ސިފައިން ތިބި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. އިންޑިޔާ ސިފައިން އަނބުރާ ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް އެގައުމުގައި އެދިފައިވާއިރު އެކަމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން