2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށަން މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމި ނިންމުމާ ގުޅިގެން މިހާރު ގްރޭޑް ނުވައަކާއި، ދިހައެއްގައި ތިބި ދަރިވަރުންގެ ކިޔެވުމަށް ބަދަލެއް ނާންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

ދިރާސީ އާ އަަހަރުގެ ކިޔެވުން 2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ފަށާ ގޮތަށް މިއަދުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. މިއަދު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ނިންމި ނިންމުމާއެކު 2025ވަނަ އަހަރު ދަރިވަރުންނަށް ޑިސެމްބަރު މަހު ޗުއްޓީ ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ނިންމުމުގެ ސަބަބުން ގްރޭޑް ނުވައަކާއި، ދިހައެއްގެ ދަރިވަރުން ކިޔަވަން ހޭދަކުރާ ވަގުތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކުރިން ވެސް ރޭވިފައިވާ ގޮތަށް އެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނީ މޭ/މ، ޖޫންގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ މި ނިންމުމާއެކު ސިލަބަސް ކަވަރުކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމްގެ ލާނިން ޓައިމް ގެއްލިގެން ނުދާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބަދަލު ގެންނާނީ ފަސް ސެމިސްޓަރަކަށް ބަހާލައިގެން ކަމަށާއި މި ބަދަލުގެ ސަބަބުން ރާއްޖޭގެ ފިސްކަލް އަހަރާއި ދިރާސީ އަހަރު ދިމާވެ އޭގެ މަންފާ ސްކޫލު ހިންގުމުގެ ނިޒާމަށް ކުރާނެކަމަށެވެ. އަދި މި ނިންމުމާއެކު ޓުއަރިޒަމް ދާއިރާގައި ރަށުން ބޭރުގައި މަސައްކަތް ކުރާ މީހުންނަށް އަހަރުގެ ތެރެއިން ލިބޭ ޗުއްޓީތައް މިހާރު ލިބެމުންދާ މިންވަރަށް ވުރެ މަދުވެގެން ނުދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ދިރާސީ އައު އަހަރު، ނިމޭނީ އަންނަ ޖޫން މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން