ހަޑި ހުތުރު ބަސްތަކުން ރާއްޖެއާއި އިންޑިއާގެ ގުޅުން ހަރާބުވިޔަ ނުދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ދެެއްކެވި ވާހަކަތަކަށް އިޝާރާތްކުރަށްވައި ގާސިމް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ މިއީ ކަންބޮޑުވާން ޖެހޭ ބޮޑު މައްސަލައެއް ކަމަށެވެ.

ހަމަ އެހެންމެ މިއީ ޑިޕްލޮމަސީގެ އުސޫލުތަކާވެސް ހިލާފުވުން ކަމަށާއި އޭގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ވެސް ބުރޫ އަރާނެ ކަމަށެވެ.

އިންޑިއާއާއި ރާއްޖެއަކި އަބަދުވެސް ގާތް ގުޅުމެއް އޮންނަ ގައުމަކަށްވާއިރު ދެ ގައުމުގެ ޒަމާންވީ ގުޅުން ދަމަހައްޓާން އުސޫޅުތަކުގައި ހިފަހައްޓަންވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.

"މިފަދަ ބަސްތަކުން އެއްވެސް ގޮތަކަށް އަޅުގަނޑުމެންގެ ދެ ގައުމުގެ ގުޅުން ގޯސްވިޔަ ނުދެއްވާ." ގާސިމް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އެކްސްގައި ދެއްކެވި ވާހަކަތައް ހޫނުވެ އެ ތިން ބޭފުޅުން ސަސްޕެންޑް ކޮށްފައިވާއިރު އިންޑިއާގެ މީސް މީޑިއާ އެކްޓިވިސްޓުންނާއި އެ ގައުމުގެ މަޝްހޫރު ބައެއް މީހުންނާއި މީޑިއާތަކުން ވަނީ މިކަމާ ރުޅިގަދަވެ ރާއްޖެއާ ދެކޮޅަށް ތެދުވެފައެވެ.

ސަރުކާރުގެ އޮފިޝަލުންތަކެއް ކުޑައިމީސްކޮށް އެކްސްގައި ވާހަކަދައްކަން ފެށީ އިންޑިއާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މޯދީ ނަގާފައިވާ ފޮޓޯތަކާއި ވިޑިއޯއެއް ބޭނުންކޮށްގެން އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާ އެކްޓިވިސްޓުން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިންތަކުގެ ސަބަބުން ނެވެ. މި ކެމްޕެއިނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ދިވެހިން ވެސް ދަނީ ޚިޔާލުފާޅުކުރަމުންނެވެ.

އެ ކެމްޕޭންތަކަކީ ރާއްޖެއާ ދެކޮޅަށް ކުރާ ކެމްޕޭންތަކެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދަނީ ސިފަ ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން