ހިންމަފުށީގައި ހިންގާ ގެސްޓް ހައުސްއެއް
ހިންމަފުށީގައި ހިންގާ ގެސްޓް ހައުސްއެއް
ގެސްޓްހައުސްތައް އޮގަސްޓްމަހު ނުހުޅުވާ ގޮތަށް ނިންމުމުން ގެސްްޓްހައުސްތަކަށް އިތުރު ތަކްލީފްތަކެއް ކުރިމަތިވެފައިވާކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމުން ބުނެފިއެވެ.

ކޯވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތް އޮތުން އިތުރު ކުރަން ނިންމާފައިވާއިރު މިހާރު ގެސްޓްހައުސްތައް ހުޅުވޭނެކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރުމަހުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ގެސްޓްހައުސްތައް ހުޅުވުން ލަސްކުރުމުާއި ގުޅިގެން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ވަރަށް ބޮޑު ގެއްލުމާ ކުރިމަތިލާންޖެހިފައިވާކަމަށެވެ. އަދި ގެސްޓްހައުސްތައް ހުޅުވުން ލަސްވުމަކީ އިންޑަސްޓްރީއަށް ލިބޭނެ އިތުރު ގެއްލުމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ގޭމްގެ ބަޔާނުގައި ބުނީ އޮަގަސްޓް 1 ގައި ގެސްޓްހައުސްތައް ހުޅުވާނެކަމަށް ކުރިން އިއުލާންކޮށްފައި އޮތުމުން ގެސްޓްހައުސްތަކުންވެސް ދިޔައީ ލިބޭވަރަކުން ބުކިންތައް ނަގަމުންކަމަށެވެ. ނަމަވެސް ކުއްލިގޮތަކަށް ސަރުކާރުގެ ވިސްނުން ބަދަލުކޮށް ގެސްޓްހައުސްތައް އޮގަސްޓްމަހު ނުހުޅުވާ ގޮތަށް ނިންމުމުން އިތުރު ތަކްލީފްތަކެއް ގެސްްޓްހައުސްތަކަށް ކުރިމަތިވެފައިވާކަމަށް ގޭމުގެ ބަޔާނުގައިވެއެވެ.

ގޭމުން ބުނީ ރިސޯޓްތަކާއި ސަފާރީ ތަކަށް ހިދުމަތް ފެށުމުގެ ހުއްދަ ދިނުމާއި، ސުޕާ، އަދި ރެސްޓޯރަންޓް ފަދަ މީހުން ގައިގޯޅިކޮށް އުޅޭ ތަންތަނަށްވެސް ހުއްދަ ދެވިފައި ހަމައެކަނި ގެސްޓްހައުސް ފަދަ ކުޑަ ސިނާއަތެއްގެ މަސައްކަތް ފަށާނެ ވަކިތާރީހެއް ނޭގި ތިބެންޖެހުމަކީ ސިނާއަތަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ.

ރާއްޖޭގައި ކޯވިޑް19 ފެތުރުން އަނެއްކާވެސް އިތުރުވެފައިވާތީ ސަރުކާރުން ވަނީ އޮގަސްޓުމަހު ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ނުދެން ނިއްމާފައެވެ. އަދި މިހާރު ބަލި ފެތުރޭ މިންވަރާއި ރާއްޖޭގެ ހާލަތަށް ބަލާއިރު ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރުމަހުގައި ކަމަށް ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ވަނީ ވިދާޅުވެފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން