އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިއަދު ރާއްްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވެ ވަޑައިގެން ނަމަވެސް އެއީ މާ ކުރިންވެސް ހަމަޖެހިފައި އޮތް ބައްދަލުވުމެއް ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.

ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުވީ މިއަދު މަންދުރު 12 ޖެހިއިރު އެވެ.

ސަފީރު މިއަދު ހާޒިރުކުރި އިރު ދިވެހި ދައުލަތުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އަދި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް މިއަދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

އެހެންވެ މިއަދު އިންޑިއާ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވުމުން އެއީ އެ މައްސަލައިގައި ހާޒިރު ކުރީ ކަމަށް އޮތީ ބެލެވިފަ އެވެ.

ނަމަވެސް އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ކުެރި ޓުވީޓެއްގައި ބުނީ އެ ބައްދަލުވުމަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން ކުރިން ވެސް ހަމަޖެހިފައި އޮތް ބައްދަލުވުމެއް ކަމަށެވެ.

ސަރުކާރުގެ އޮފިޝަލުންތަކެއް ކުޑައިމީސްކޮށް އެކްސްގައި ވާހަކަދައްކަން ފެށީ އިންޑިއާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މޯދީ ނަގާފައިވާ ފޮޓޯތަކާއި ވިޑިއޯއެއް ބޭނުންކޮށްގެން އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާ އެކްޓިވިސްޓުން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިންތަކުގެ ސަބަބުން ނެވެ. މި ކެމްޕެއިނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ދިވެހިން ވެސް ދަނީ ޚިޔާލުފާޅުކުރަމުންނެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ދެއްކެވި ވާހަކަތައް ހޫނުވެ އެ ތިން ބޭފުޅުން ސަސްޕެންޑްކޮށްފައިވާ އިރު އިންޑިއާގެ މީސް މީޑިއާ އެކްޓިވިސްޓުންނާއި އެ ގައުމުގެ މަޝްހޫރު ބައެއް މީހުންނާއި މީޑިއާތަކުން ވަނީ މިކަމާ ރުޅިގަދަވެ ރާއްޖެއާ ދެކޮޅަށް ތެދުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން