ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް އިންޑިއަން ޗެމްބާ އޮފް ކޮމާސް (އައިސީސީ)އިން ގޮވާލައިފިއެވެ.

އިންޑިއާގެ އޭވިއޭޝަން އެންޑް ޓުއަރިޒަމް ކޮމިޓީއިން ވަނީ އެކަމަށް އެދިފައިވާ ނޫސް ބަޔާނެއް އެޤައުމުގެ ހުރިހާ ޓޫއަރިޒަމް ޓްރޭޑް އެސޯސިއޭޝަންތަކާއި ޓްރެވެލް އެޖެންސީތަކަށް ފޮނުވާފައެވެ.

އެބަޔާނުގައި ވަނީ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާއާއި ދެކޮޅަށް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ރާއްޖެ ޕްރޮމޯޓްކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިން، އިންޑިއާގެ ލަކްޝަދްވީޕްއާއި އަންދަމަން އެންޑް ނިކޮބާ އައިލެންޑްސްއަށް ފޮނުވަން ބާރުއެޅުމަށްވެސް އެދިފައި ވެއެވެ. އެ ސަރަހައްދަކީ ރާއްޖޭގެ ރަށްތަކަށްވުރެ އެކި ގޮތްގޮތުން ފުރިހަމަ ސަރަހައްދެއް ކަމަށް ބުނަމުން އައިސީސީން ވަނީ ސްރީ ލަންކާ، މޮރިޝަސް، ބާލީ އަދި ޕުކޭޓް ފަދަ އިންޑިއާ ކަނޑުގެ އެހެން ރަށްތައް ޕްރޮމޯޓް ކުރުމަށް ގޮވާލާފައެވެ.

"ރާއްޖެއަށް ފަތުރުވެރިން ފޮނުވަމުންދާ ޓްރެވެލް އެޖެންސީތަކުން ރާއްޖެ ޕްރޮމޯޓް ކުރުން ހުއްޓާލާ، އުޑާން ސްކީމްގެ ދަށުން އެފްއެޗްއާރްއޭއައިއާއި ހޮޓެލް އެސޯސިއޭޝަން އޮފް އިންޑިއާގައި ހައްސާސްކޮށް އޮޕަރޭޓް ކުރުމަށް އެދެން. ލަކްޝްވަދީޕްގެ ރަށްތަކަށް އިންވެސްޓްކުރުމުން މުސްތަގްބަލުގައި ރާއްޖޭގައި ކުރާ އިންވެސްޓްމަންޓަށްވުރެ މާ ބޮޑަށް ފައިދާވާނެ" މި ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބޯއިކޮޓް ކުރުމަށް އިންޑިއާގެ ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންޑިއާގެ އެތައް ހާސް ރައްޔިތުން ވަޒީފާ އަދާކޮށްގެން އެމީހުންނަށް ލިބޭ އާމްދަނީ އިންޑިއާއަށް ފޮނުވަމުންދާކަން ވެސް އިންޑިއާގެ ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް އިންޑިއާގެ ބޮޑެތި އިންވެސްޓްމެންޓް ހުރިކަން އެފަދަ ފަރާތްތަކުން ފާހަގަ ކުރެއެވެ.

އެހެންކަމުން މަދުބައެއްގެ މެދުގައި ސިޔާސީ ގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތަކުން އެއްކިބާވެ އެކުވެރިކަމާއެކު ކުރިއަށްދިއުމަކީ ދެފަރާތައްވެސް އެންމެ ފައިދާހުރި ގޮތްކަން އެފަދަ ފަރާތްތަކުން ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން