ފަތުރުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ އިސް ލީޑަރުންނާއި ބައްދަލު ކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ސީޕީސީ ފުޖިއަން ޕްރޮވިންޝަލް ޕާޓީ ކޮމިޓީގެ ސެކްރެޓަރީ އަދި ފުޖިއަން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސްގެ ދާއިމީ ކޮމިޓީގެ ޗެއާމަން ޒޯ ޒޫއީ އާއި ސީޕީސީ ފުޖިއަން ޕްރޮވިންޝަލް ޕާޓީ ކޮމިޓީގެ ޑެޕިއުޓީ ސެކްރެޓަރީ އަދި ފުޖިއަން ޕްރޮވިންސްގެ ގަވަރުނަރު ޒާއޯ ލޮންގް އާއި ފުޖިއަން ޕްރޮވިންސްގެ އިތުރު ލީޑަރުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ފުޖިއަން ޕްރޮވިންޝަލް ޕާޓީ ކޮމިޓީގެ ސެކްރެޓަރީ ވަނީ ފަތުރުވެރިކަމާއި، އަދި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މާދަމާ ބާއްވަން ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމަށްފަހު އިންވެސްޓްމަންޓް ކޯޕަރޭޝަން އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުންރައީސް ޑރ. މުއިއްޒު ވަނީ ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން ފުޅާކޮށް އެކި ދާއިރާއަކުން އެކުގައި މަސައްކަތްކުރުމަށް އެއްބާރުލުން އިތުރުކުރުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިދަތުރުފުޅަކީ ޗައިނާއާއި ދިވެހިރާއްޖޭގެ އެކުވެރިކަން ރަމްޒުކޮށްދޭ، އެމަނިކުފާނުގެ ފުރަތަމަ ދައުލަތުގެ ދަތުރުފުޅުކަން ފާހަގަކުރެއްވިއެވެ.



މިބައްދަލުވުން ނިންމާލަމުން ދެ ވަފުދުންވެސް ވަނީ ދެގައުމުގެ އެއްބާރުލުން އިތުރުކޮށް، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ އުއްމީދު އާ ކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން