އުއްމީދަކީ ދިވެހިރާއްޖެ އިންޑިއާއެކު އޮތް ގުޅުން ތާއަބަދަށް ދެމިއޮތުންކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފިއެވެ.

މަޓީ އިން މިހެން ބުނެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އެޤައުމުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މީސްމީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯއަކަށްފަހު ދިވެހި ސަރުކާރުގެ އިސް ބައެއް ބޭފުޅުން އެމަނިކުފާނަށް ކުޑައިމީސް ބަސްތައް ރައްދުވާގޮތަށް މީސް މީޑިއާގައި ދެއްކެވި ވާހަކަތައް ކުށްވެރިކޮށް މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައެވެ.

މިބަޔާނުގައި މަޓީ އިން ވަނީ އިންޑިއާއަކީ ރާއްޖެއާއި އެންމެ ގުޅުން ގާތް އަވަށްޓެރި ގައުމުކަން ފާހަގަކޮށް، ދިވެހިރާއްޖެއަށް ދިމާވާ ކޮންމެ ގޮންޖެހުމަކުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން އެންމެ އިސްސަފުގައި ހަރަކާތްތެރިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އިންޑިއާގެ ސަރުކާރާއި އިންޑިއާގެ ރައްޔިތުންވެސް ދިވެހިރާއްޖެ އާއި ބަހައްޓަވާ ގާތްކަން ފާހަގަކޮށް މަޓީ އިން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންޑިއާއިން އިސްދައުރެއް އަދާ ކުރާކަމަށްވެސް މަޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލީއްސުރެ އިންޑިއާއަކީ ރާއްޖޭގެ އެއްވަނަ ޓުއަރިސްޓް މާކެޓްގެ ގޮތުގައި ހިމެނިފައިވާކަން މަޓީއިން ބުނެފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހުސްވި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީވެސް އިންޑިއާއިންނެވެ، ޓުއަރިޒްމް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން 31 ޑިސެމްބަރާއިހަމައަށް އިންޑިއާގެ 209198 ފަތުރުވެރިންވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އިންޑިއާ ވަނީ މިދިޔަ ތިން އަހަރުވެސް ރާއްޖޭގެ އެއްވަނަ ޓުއަރިސްޓް މާކެޓް ގޮތުގައި ހިފަހައްޓާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން