އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތުގެ ބަސްތައް ރައްދު ކުރި ތިން ޑެޕިއުޓީ މިނިސްޓަރުންނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށައަޅައިފި އެވެ.

ރާއްޖެއަށް އައުމުގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީޕަށް ޒިޔާރަތް ކުރަން ކެމްޕޭނެއް ފެށުމާއި ގުޅިގެން ޝޯޝަލް މީޑިޔާގައި ދެ ގައުމުގެ މެދުގައި ވަނީ ބޮޑު ކޯޅުން ގަނޑެއް ފެށިފައެވެ. އެމައްސަލަ ހޫނުވީ ލަކްޝަދީޕް ޕްރޮމޯޓުކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު މަލާމާތްކޮށް ފުރައްސާރަކޮށް ކުރި ޕޯސްޓުތަކާއި ގުޅިގެންނެވެ.

އެމައްސަލަ އާއި ގުޅިގެން ޚާރިޖީ ވަޒީރު މޫސާ ޒަމީރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަން ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެެ.

މީކާއިލް ވަނީ ރާއްޖެއިން ރަސްމީ ސިފައެއްގައި އިންޑިއާގެ ކިބައިން މާފަށް ނޭދެނީ ކީއްވެގެންތޯ އާއި އެ ޑެޕިއުޓީ މިނިސްޓަރުން ވަކި ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރަން ހުށައަޅުއްވާފައެވެ. އަދި އެ މައްސަލާގައި ރާއްޖޭގެ އިގްތިސާދަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުން ވެދާނެ ކަމަށް ވިދާޅުވެ އެކަމުގައި ޝާމިލްވާ ޔޫތު މިނިސްޓްރީގެ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު ވެސް މަޖިލީހަށް ހާޒިރު ކުރަން މީކާއިލް ހުށައެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވެއެވެ.

އިންޑިޔާ މައްސަލަ ހޫނުވުމާއި ގުޅިގެން ސަރުކާރުން ވަނީ މޯދީ އަށް ފާޑުކީ ތިން ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑްކޮށްފައެވެ. އޭގެ ކުރިން ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުގައުމުތަކުގެ އެންމެ އިސް ލީޑަރުންނަށް ފާޑުކިޔުމަކީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމަށާއި އެއީ އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށެވެ.

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކުގައި ނަފްރަތާއި، ނުރަނގަޅު އަސަރު ނުކުރާނެހެން ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމައްސަލައިގައި ދެގައުމުގެ ސަފީރުން ވަނީ ދެ ގައުމުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން