އަންނަ ހޮނިހިރު ދުވަހު ބާއްވާ މޭޔަރުގެ އިންތިހާބުގައި މާލޭގެ ރައްޔިތުން ބަޔަކު ދައްކާހާ އަވާމެންދުރެއްގައި ނުޖެހުމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

އަދުރޭ މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްެޕެއިންގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ މޭޔަރުގެ އިންތިހާބުގައި ވޯޓްލާއިރު މާލޭގެ ރައްޔިތުން ބަޔަކު ދައްކާހާ އަވާމެންދުރެއްގައި ނުޖެހުމަަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮންމެ ހެއްލުމަކީ ގެއްލުމެއް ކަން މާލޭގެ ރައްޔިތުން ހަދާން ކުރަންޖެހޭ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ގިނަ ވައުދުތަކާއެކު ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ފޮނި އުއްމީދުތަކާއެކު މާލެއަށް ވަރަށް ރީތި ތަސައްވަރެއް ކުރައްސަވައި އޭގައި ކުލަ ޖައްސަވަން ބޭނުންފުޅުވެގެން ކަމަށެވެ. އަދި އެތަސައްވަރުގައި ކުލަޖެއްސެން އޮތީ މޭޔަރާއިއެކު މާލޭ ސިޓީގެ މެޖޯރިޓީ ރައީސަށް ލިބިވަޑައިގެން ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މޭޔަރާއި އެކު ސިޓީ ކައުންސިލްގެ މެޖޯރިޓީ ރައީސަށް ހޯދައިދިނުމަކީ މާލޭ ސިޓީގެ ރައްޔިތުންނަށް ލާޒިމް ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ނުކޮށްފިނަމަ ރައްޔިތުން ފަހުން އެކަމާ މެދު ހިތާމަ ކުރަން ޖެހިދާނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުން ވާން އެބަޖެހޭ މާލެ ދެކެ ލޯބިވާ ބަޔަކަށް، މާލެއަށް ތަރައްގީ އަންނަން ބޭނުންވާ ބަޔަކަަށް. މާލެ އަކީ އަމާން ތަނަކަށް ހަދަން ބޭނުންވާ ބަޔަކަށް، މާލެ އަކީ ފިތުނަވެރިކަމުން ސަލާމަތްވެފައި އޮތް ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ތަނަކަަށް މާލެ ސިޓީ ހަދަން އެބަޖެހޭ. މިކަން ކުރެވޭނީ މިއަންނަ ހޮނިހިރު ދުވަހު މި ބާއްވާ އިންތިހާބުގައި ޕީޕިއެމް-ޕީއެންސީއިން ނިކުމެވަޑައިގަންނަވާ މޭޔަރަށާއި އަނެއް ތިން ކެންޑިޑޭޓުންނަށް ވޯޓް ދީ ތަފާތު ބޮޑު ނަތީޖާ އަކުން މިގޮނޑިތައް ކާމިޔާބު ކޮށްދެއްވައިގެން،" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަޙީމް ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވެ ތިބީ ވާދަވެރިންގެ ފާޑުކިޔުންތަކަށް ރައްދު ދޭން ނޫން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ވާދަވެރިންގެ ފާޑުކިޔުންތަކަށް ނުބަލާނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޑރ. މުއިއްޒާއެކު ސަރުކާރާއި ހަވާލުވެ މިތިބީ އެއްގޮތަކަށް ވެސް ވާދަވެރިން ދައްކާ ފާޑުކިޔުންތަކަށް ރައްދުދީ އެމީހުން ދެކެ ބިރުން ފަހަތަށް ޖެހޭ ގޮތަކަށް ނޫން، ވަރަށް ސާބިތުކަމާއެކު މިދަންނަވަނީ މިތިބީ ވަރަށް ކެރިގެން އަޅުގަނޑުމެން ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ހިދުމަތެއް ކުރުމުގައި ވާދަވެރިންގެ ފާޑުކިޔުމަކަށް ނުބާލާނަމޭ، ގާނޫނީ އިމުގެ ތެރެއިން މުޢިއްޒު އާއެކު ކުރިއަށްދާނީ ވަރަށް ކެރިގެންނޭ، މި މާލެ އާއި ރާއްޖެ އަމާން ތަނަކަށް ހަދާނަން. ފުދުންތެރި ދިރިއުޅުމެއް ހޯދައިދޭނަން. އެ ހިތްވަރު އެ ފަންވަރު އެ ތަސައްވަރު ޑރ.މުޢިއްޒުގެ އެބައޮތް، އެހެންވެގެން މުޢިއްޒު އާއެކު ކުރިއަށް ދާން ތައްޔާރަށް މިތިބީ." އަބުދުއްރަޙީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން