ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓަށް އަލުން ހެދުމަށް މަސައްކަތް ކުރުމަށް ރާއްޖެއާއި ޗައިނާގެ ފަރާތްތަކުގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ވެރިކަން ކުރާ ފޫޖޯ ސިޓީގައި މިއަދު ހެނދުނު ފެށި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ދެއްވި ތަގުރީރުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮވިޑުގެ ކުރިން ޗައިނާ އަކީ އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމު ކަމަށެވެ.

"ޗައިނާގެ މި މަގާމު އަލުން ހޯދުމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރުމަކީ އަޅުގަނޑު އެދޭ އެދުމެއް،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ޗައިނާ އަކީ އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓަށް ހެދުމަށް ރައީސް އެދިވަޑައިގެންފައިވާއިރު ރާއްޖެއަށް އިންޑިއާގެ ޓޫރިސްޓުން ޒިޔާރަތް ނުކުރަން ގޮވާލައި އިންޑިއާގައި ވަނީ ވަރުގަދަ ކެމްޕޭނެއް ފަށައިފައެވެ.

ކޮވިޑުގެ ފަހުން މި ފާއިތުވި ހުރިހާ އަހަރަކު ވެސް ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން އަންނަނީ އަވަށްޓެރި އިންޑިއާ އިންނެވެ. ކޮވިޑުގެ ކުރީގައި އެއް ނަމްބަރު މާކެޓްގެ ގޮތުގައި އޮތީ ޗައިނާ އެވެެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިބަދަލަކީ ރާއްޖޭގެ ވެރިކަން ބަދަލުވުމާއެކު ސިޔާސީ އޮއިވަރު ބަދަލުވުމާއި ގުޅިގެން އައި ބަދަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން