ދިވެހި ސަރުކާރުން އެހެން ޤައުމުތަކަށް ބަރޯސާ ނުވެ އުޅެން ދަސްކުރަން ޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ޝަރީފް މިފަދައިން ވިދާޅުވީ އިންޑިއާގެ ޓްރެވެލް އެޖެންސީއަކުން ރާއްޖޭގެ ރިޒޯޓްތަކަށް ބުކިންގ ހެދުން ކެންސަލްކުރި ކަމުގެ ޚަބަރެއް ފާހަގަކުރައްވަމުންނެވެ.



އިންޑިއާއަށް ބަދުބަސް ރައްދުވާގޮތަށް ޔޫތް މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ވާހަކަދައްކެވިފަހުން އިންޑިއާގައި މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައެވެ. އަދި އިންޑިއާގެ އެކި ޖަމާއަތްތަކާއި އެކްޓިވިސްޓުންނާއި މަޝްހޫރު މީހުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ކެމްޕެއިނެއް ފަށާފައެވެ.

މިކަމާއި ގުޅޭގޮތުން ޚިޔާލު ފާޅުކުރައްވަމުން ޝަރީފް ވިދާޅުވީ އިންޑިއާއިން އަދިވެސް ރާއްޖެއާއި ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު ބަދަލުވެ، އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން އެންގި ހިސާބުން އިންޑިއާގެ ގްރޫޕްތަކުން ރާއްޖެއާއި ދިމާކުރަން ފަށައިފިކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"އިންޑިއާގެ އުނގަށް ރާއްޖެ ވައްޓާލަނީ އަބަދުވެސް އެމްޑީޕީ ސަރުކާރުން. ޓްރެވެލް އެޖެންޓްސް، އެއާލައިން ތަކަކީ "ފެށިފައި، ހުއްޓިފައި،" އެގޮތަށް ހިނގަމުންދާ ކަމެއް." ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން، ދިވެހި ސަރުކާރުން މަސައްކަތްކުރަންވީ ޕްރައިވެޓް ސެކްޓަރ ފުޅާކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭރުން އެހެން ޤައުމުތަކަށް އެވަރަށް ބަރޯސާވާން ނުޖެހޭނެ ކަމަށް ޝަރީފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން